ލ. ގަމު ފަޅުތެރެއަށް ގިނަ އަދަދެއްގެ ކަރަވެލި މަސް ވަންނަމުން ދާތީ އެ ރަށުގެ ކުދި ބޮޑު އެންމެން ނުކުމެ އެ މަސްތައް ހިފަން ފަށައިފިއެވެ.

މީގެ ކުރިންވެސް އެ ރަށުގެ ފަޅު ތެރެއަށް ކަރެވެލިމަސް ވަންނަކަން ފާހަގަކޮށް ރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ޒަކީ "ދަ ޕްރެސް" އަށް ވިދާޅުވީ މިއީ ރަށުގެ ރައްޔިތުންނަށް އީދެއް އައުން ފަދަ ކަމެއް ކަމަށެވެ. އަދި މަސްތައް ހިފުމަށް ރަށުގެ ދުވަސްވީ މީހުން ފެށިގެން ކުޑަކުދިން ވެސް ބައިވެރި ވުމަކީ ޒަމާންވީ އާދަކާދަ އެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މޫސުމުގައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު ރަށުގެ ރައްޔިތުން މަސް ހިފުމަށް ނުކުންނަ ކަމަށާއި އިއްޔެ އެކަނި ވެސް ޓަނަކަށް ވުރެ ގިނަ މަސް ހިފުނު ކަމަށް ޒަކީ ވިދާޅުވިއެވެ. އެގޮތުން މިއަދުވެސް މަސް ހިފި ކަމަށާއި ހިފައިގެން ލިބޭ މަސްތައް އެ ހިފުމުގައި ހަރަކާތްތެރިވާ މީހުންނަށާއި ރަށުގެ ރައްޔިތުންނަށް ބަހާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވި ގޮތުގައި މިއީ ބޮޑަށް ޖައްވުގެ ހޫނު މިނާއި ކަނޑުގެ އޮއި އަދި ވައި ހުންނަ ގޮތަކުން ފަޅަށް ވަދެ އުޅޭ މަސްތަކެކެވެ. އަދި މި މަސްތައް ހިފުމަށް މަސްދާ ބޭނުން ކުރާކަމަށް ވެއެވެ. މިކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ދައްކަނީ އެއްބައި ވަންތަކަމުގެ ނަމޫނާއެއް ކަމަށް ޒަކީ ވަނީ ފާހަގަ ކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގެ ފަޅުތެރެއަށް މަސް އައިން ވަނުމަކީ މަދުން ނަމަވެސް ފެންނަ ކަމެކެވެ. އެގޮތުން ތ. ބުރުންޏަކީ އެ ރަށު ފަޅު ތެރެއަށް ރާގޮނޑި ވަދެ، މަސް ހިފުމަށް މަޝްހޫރު ރަށެކެވެ. އެ ރަށުގެ ފަޅު ތެރެއަށް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ވަންނަ ރާގޮނޑި ހިފުމަކީ ރަށުގެ ކުދި ބޮޑު އެންމެންވެސް ކުރާ ހިތުން ކުރާ ކަމެކެވެ.

އަދި ހަމައެހެންމެ މިއަހަރުގެ މާޗް މަހު ދ. އަތޮޅު ހުޅުދެލި ފަޅަށް ރާގޮނޑި އައިނެއް ވަނުމުން އެ ރަށު ރައްޔިތުން ހިފާފައި ވެއެވެ. އެ ފަހަރުވެސް 1300 އަށް ވުރެ ގިނަ ރާގޮނޑި އެ ރަށު ރައްޔިތުން ނުކުމެ ވަނީ ހިފާފައެވެ. ދިވެހިންނަކީ މި ފަދަ ކަންކަމުގައި އެއްބައިވަންތަކަން ދައްކުވާ ނަމޫނާ ބައެއް ކަން ފާހަގަ ކޮށްލެވެއެވެ.