ލ. ގަމުން ރުއް ބޭރުކުރުމަށް މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ހުއްދަތަކެއް ބާތިލުކޮށް، އެ ރަށުން ރުއް ބޭރުކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ގަމު ކައުންސިލުން ނިންމައިފިއެވެ.
އާ ކައުންސިލް ހުވާކުރުމަށްފަހު، ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު ސޮއިކުރައްވައި ނެރުއްވި އިއުލާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ ރަށުން ރުއް ބޭރުކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، އެ މަސައްކަތްތައް މޮނިޓާކުރާނެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.
މިއަދުން ފެށިގެން ކުރީގެ ހުރިހާ ހުއްދަތަކެއް ބާތިލުވެފައިވާއިރު، މީގެ ފަހުން ގަމުން ރުއް ބޭރުކުރެވޭނީ ކައުންސިލުން އަލަށް އެކުލަވާލާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަލުން ހުއްދަ ހޯދައިގެންނެވެ.
ގަމަކީ ވިޔަފާރި ބޭނުންތަކަށާއި ރިސޯޓުތައް ފެހިކުރުމަށް ގިނަ އަދަދަކަށް ރުއް ގެންދާ ރަށެކެވެ. ނަމަވެސް، ރަށުގެ ބަންޑާރަ ބިންތަކުން ދެމެހެއްޓެނިވި ގޮތެއް ނެތި ރުއްގަސް ކެނޑުމުގެ ސަބަބުން ރަށުގެ ފެހިކަން ގެއްލި، ތިމާވެއްޓަށް ގެއްލުންވަމުންދާތީ ރަށުގެ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
ގިނަ އަދަދަކަށް ރުއްގަސް ނެގުމުގެ ސަބަބުން ރަށުގެ ފެން ފަށަލައަށް ނޭދެވޭ އަސަރުކޮށް، ރަށް ގިރުމުގެ މައްސަލަވެސް ދަނީ ކުރިމަތިވަމުންނެވެ.
