ގާޒާ އެއްކޮށް ފުނޑާލާނެ ކަމަށް ބުނެ އިންޒާރު ދެމުން ގާޒާގެ އެތަން މިތަނަށް 50 ބޮން ވައްޓާލައިފިއެވެ. މި ހަމަލާތަކާއެކު މުޅި ގާޒާ އަނދަމުން ދާ އިރު، ފުނޑުފުނޑުވެ ކުނޑިކުނޑިވެ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން، ދިގު ދެމިގެންދާ ހަމަލާތައް އިޒްރޭލުން ކުރިއަށް ގެންދާ އިރު، ވައިގެ މަގުން ގާޒާގެ އެތަން މިތަނަށް ދަނީ ބޮން އަޅަމުންނެވެ. އަދި ވަކިވަކި އިމާރާތްތައް ފާހަގަ ކޮށް އެތަންތަން ބިމާ ހަމަކޮށްލަނީ މިސައިލް ހަމާލާ ދީގެންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 900 އަށް އަރާ އިރު ޒަހަމްވި މީހުންގެ އަދަދު ވަނީ، 2600 އަށް އަރާފައެވެ. އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން 830 މީހަކު އަދި ހުޅަނގު އައްސޭރީން 19 މީހަކު ޝަހީދުވެފައި ވާ އިރު ގާޒާއިން ޒަހަމްވި މީހުންގެ އަދަދު ވަނީ 4250 އަށް އަރާފައެވެ. އަދި ހުޅަނގު އައްސޭރީން 110 މީހަކު ޒަހަމްވެފައި ވެއެވެ.

އިޒްރޭލުން މިހާރު ދެމުން ގެންދާ ހަމަލާތަކުގައި އާންމުންގެ ގެދޮރެއް، ސްކޫލެއް، މިސްކިތެއް، އުމްރާނީ ވަސީލަތެއް ނުބަލައެވެ. އެތަން މިތަނަށް ބޮން އަޅަމުން ދާ އިރު، ގެއަކާއި ގެއެއް އިމާރާތަކާއި އިމާރާތެއް ޖެހި ބާރުވެފައި އޮންނަ ގާޒާ މިހާރު ފެންނަނީ ހަނަފަސް ސަހަރާއެއްގެ ގޮތަށެވެ.

އިޒްރޭލުން ބޮން އަޅާ ފުނޑުފުނޑު ކޮށްލާފައި ވާ އިމާރާތްތަކެއް

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ގާޒާގެ ގިނަ ބަޔަކު ހަނގުރާމައާ ގުޅިގެން ރައްކާތެރި ސަރަހައްދުތަކަށް ގޮސްފައި ވީ ނަމަވެސް އަދިވެސް ގިނަ ބަޔަކު ގާޒާގައި ތާށިވެފައި އެބަތިއްބެއެވެ. އެމީހުންގެ އަދަދުތައް މުޅިން ސާފު ނުވާ އިރު، އދ ގެ އިދާރާތަކުން ބުނީ، އެ ޖަމާއަތުން ފަލަސްތީނުގައި ހިންގާ 88 ސްކޫލެއް، ރިލީޕް ކޭމްޕްތަކަށް ބަދަލުކޮށް އެތަންތަނުގައި 188،000 މީހުން ބައިތިއްބާ ބަލަހައްޓަމުން ގެންދާ ކަމަށެވެ. އަދި އެމީހުންނަށް 12 ދުވަހަށް ބޭނުންވާ އަސާސީ ކާނާ އާއި ބޯފެން ފޯރުކޮށް ދީފައި ވާ ކަމަށާއި، އެ ތަންތަނުގެ ބޭރުގައި [ގާޒާ އާއި ހުޅަނގު އައްސޭރި] ގައި ތިބި މީހުންގެ ހާލެއް ނޭނގޭ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި 12 ދުވަހަށް ވުރެ އިތުރަށް ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ރިލީފް ކޭމްޕްތަކުގައި ތިބި މީހުންނަށް ވެސް ކާބޯތަކެއްޗާއި ބޯފެން ނުލިބޭނެ ކަމަށް ވެސް އެއިދާރާއިން ބުނެއެވެ.

ހަމާސްގެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ، ކާބޯތަކެއްޗާއި ބޯފެނާއި ކަރަންޓާއި ތެޔޮ ބަންދުކޮށް އެއްވެސް މަގަމުން ގާޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓުވާފައެވެ. އަދި އެއްވެސް ފަރާތަކުން ގާޒާއަށް އެހީގެ ތަޖެތި ފޮނުވާނަމަ އެތަކެތި [އެގާފިލާއެއް] ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުވެސް ވަނީ ދީފައެވެ.

ހަބަރުތައް ބުނާގޮތުން، އިޒްރޭލުގެ އިންޒާރަށް ނުބަލައި މިސްރާއި ގާޒާ ގުޅޭ ދޮރާއްޓާ ދިމާއަށް މިސްރުން ފުރައިގެން ދަތުރުކުރާ ތެޔޮ ބައުޒަރުތަކެއް އެބަދެއެވެ. ނަމަވެސް އެތަކެއްޗަށް މިހާރު ގާޒާއަށް ވަނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ގާޒާއަށް ވަދެވޭ 7 ދޮރާށި ނުވަތަ 7 މަގު އޮންނަ އިރު އެމަގުތައް އިޒްރޭލުން ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ދޮރާށިތަކަށް މިސައިލް ހަމަލާދީ ގޮއްވާލާފައި ވުމުން، މަގުތައް ހަލާކުވެފައި ވާއިރު އެއްގަމުން ވެހިކަލްގައި ވަނުމަކީ މުސްތަހީލްކަމެކެވެ.

އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކޮށްފައި ވާ އިރު ހަމާސްއިން މިއަދުވެސް ވަނީ އިޒްރޭލުގެ އަޝްކަލޯން އަށް ރޮކެޓް ހަމަލާ ދީފައެވެ. ހަމާސް އިން ބުނީ ރޮކެޓް ހަމަލާތަކަކީ، އިޒްރޭލު ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އާންމު ރައްޔިތުން ވިއްސިވިހާލި ވާތީ ދޭ ހަމަލާތަކެއް ކަމަށެވެ.

ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުން މަރުވެފައިވާ މީހުންގެ ހަށިތައް އެގައުމުގެ މޯޗަރީއަށް ގެންދަން ފަށާފައި ވާ އިރު އޭގެ ތެރޭގައި ހަމާސްގެ މުޖާހިދުންގެ ހަށިތައްވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން މިހާތަނަށް ގެންދިޔަ ހަށިތަކުގެ ތެރޭގައި މުޖާހިދުންގެ 100 މީހަކު ހިމެނޭ ކަމަށް އިޒްރޭލުގެ އިދާރާތަކުން ވަނީ ބުނެފައެވެ.

އިޒްރޭލަށް އެހީވުމަށް އެމެރިކާގެ މަނަވަރު މެޑިޓަރޭނިއަން ކަނޑަށް ވަނީ ވަދެފައި

އީޔޫއާއި ސްވިޑަން އަދި ޑެންމާކް، ޖަރުމަން ފަދަ ގައުމުތަކުން ފަލަސްތީނަށް އެހީ ދިނުން ހުއްޓާލާފައި ވާ އިރު، މަތިންދާބޯޓު އުފުލާ އެމެރިކާގެ އަސްކަރީ މަނަވަރު މިހާރު ވަނީ މެޑިޓަރޭނިއަން ކަނޑުން އިޒްރޭލެ ކައިރިއަށް ވަދެފައެވެ. މި މައްސަލައިގައި ތުރުކީން ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވަނީ، އެމެރިކާގެ މަނަވަރު އެތަނަށް ވަނުމުގެ ބޭނުމަކީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުން ކަމަށާއި، އެކަން ކުށްވެރި ކުރާ ކަމަށެވެ. ފަލަސްތީނުން ފެނާއި ކަރަންޓާއި ކާބޯތަކެއްޗާއި ބޯފެން ކަނޑާލި މައްސަލައިގައި ވެސް ތުރުކީން ވަނީ ނުރުހުން ފާޅުކޮށް އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބުނެފައެވެ.

އެމެރިކާގެ މަނަވަރު އިޒްރޭލާ ކައިރިވެފައި ވާ އިރު، ޔަމަނުގެ ހޫތީން ވަނީ އިންޒާރެއް ދީފައެވެ. އެމީހުން ބުނީ، އެ ހަނގުރާމައިގައި އެމެރިކާއިން ބައިވެރިވެއްޖެ ނަމަ ހޫތީން ފަލަސްތީނާ އެކު ނުކުންނާނެ ކަމަށާއި މިސައިލާއި ޑްރޯން ހަމަލާތައް ފަށާނެ ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދު ވި ފަލަސްތީނުގެ ކުދިންގެ ޖަނާޒާ ބޭއްވުމަށް އަތްދަނޑިމަތީގައި ގެންދަނީ

އިޒްރޭލުން ފަލަސްތީން ސުންނާފަތި ކޮށްލުމަށް ހުޅަނގުން މަދަދާއި ހިތްވަރު ދެމުން ގެންދާއިރު، ލުބުނާނުގެ ހިޒުބުއްލޯ އިން އިޒްރޭލަށް ދޭން ފެށި ހަމަލާތަކުގެ ބަދަލު ހިފުމަށް މިއަދު ވަނީ ވައިޓް ފޮސްފަރަސް ބޮން އަޅާފައެވެ. މިއީ ހަނގުރާމައިގައި ބޭނުން ކުރުން މަނާ ހަތިޔާރަކަށް ވާ އިރު މި ބޮން ވައްޓާލާއިރު ފޮސްފަރަސް ޖެހޭ ކޮންމެ އެއްޗެއް އަންދާލައެވެ.

އިޒްރޭލުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް ފަަލަސްތީނަށް އެހީވުމުގެ މަސައްކަތް އދ ރިލީފް ވޯކް އެޖެންސީން ދަނީ ކުރަމުންނެވެ. ދަތިއުނދަގޫތަކާ އެކުވެސް އެޖަމާއަތުން ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ނުވަތަ ފަންޑަށް 20 މިލިއަން ޑޮލަރު ދޭން ޔޫއޭއީން ވަނީ ނިންމާފައެވެ.

ފަލަސްތީނަށް ތާއީދު ކޮށް އިޒްރޭލުގެ ހަމަލާތަކާ ދެކޮޅު ހެދުމަށް އެކި ގައުމުތަކުގައި ބޮޑެތި އެއްވުންތަކާއި މުޒާހަރާތައް ވެސް ބާއްވަމުން އެބަދެއެވެ. އެގޮތުން ހޫތީން ވަނީ ޔަމަނުގެ މަގުތަކަށް ނިކުމެ މަގުތައް ފުރާލާފައެވެ. އަރަބި އެހެން ބައެއް ގައުމުތަކާއި އެމެރިކާގެ މުސްލިމް ކޮމިއުނިޓީންވެސް ވަނީ އެއްވުންތައް ބާއްވާފައެވެ.