މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ހާއިރު ދަރިވަރުން ވަނީ މައިންބަފައިންނަށް އަލްވަދާއު ކިޔުމަށް ފަހު ސްކޫލަށް ހާޒިރު ވެފައެވެ. ބަޔަތުލަހަމްގެ އިރުމަތީގައި ވާ ފަލަސްތީނުގެ އަވަށެއް ކަމަށްވާ ބެއިޓް ސަހޫރަށް އެ ދުވަހަކީ އުޑުމަތި ވަރަށް ސާފު ދުވަހެކެވެ.
ކުރިއަށް އޮތް އިމްތިހާނާއި އެންމެ ފަހުގެ ހަބަރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ، ސްކޫލުގައި ފަހު ވަގުތު ހޭދަކޮށްލަން ބައްދަލުކުރަން ރޭވިއެވެ. ކޮންމެ ގްރޭޑެއްގެ ދަރިވަރުންވެސް ސްކޫލުގެ ދޮރާ ދިމާލަށް ލައިނެއް ހަދައި، ހެނދުނުގެ އެސެމްބްލީގައި ޕްރިންސިޕަލް ދެއްކެވި ވާހަކަތައް ކަނުލާ އަޑުއެހިއެވެ. އެޔަށްފަހު، ސްކޫލުގެ ލަވައަށް ފަހު ދަރިވަރުން އެނބުރި ކްލާސްރޫމަށް ދިޔައީއެވެ.
ހެނދުނު 7:50 ގައި ކްލާސް ފެށުނެވެ. މިސައިލް ހަމަލާގެ ހަބަަރުތައް ޓީޗަރުންގެ ފޯންތަކަށް އަންނަން ފެށީ 8:20 ހާއިރުއެވެ. ނަމަވެސް އާދައިގެ ހާލަތެއް ކަމަށް ބަލައި 8:30 ހާއިރު ބެލް ޖެހުމާ އެކު ދެވަނަ ގަޑީގެ ކިޔެވުން ފެށިގެން ދިޔައެވެ.
ހިސާބުގެ މައްސަލަތަކަށް ޖަވާބު ހޯދުމަށް ދަރިވަރުން އަތް އުފުލައި، ޓީޗަރުން ގާތު ސުވާލު ކުރަމުން ދިޔައެވެ. އެވަގުތަކީ މިސައިލްތައް އިޒްރޭލަށް އޮހެމުން ދިޔަ ވަގުތު ކަމުން ހާލަތު ގޯސްވަމުން ދާ ކަމުގެ މެސެޖުތަކުން ޓީޗަރުންގެ ފޯނުތައް ފުރެމުން ދިޔައެވެ.
އެންމެ ފަހުން ހެނދުނު 8:45 ހާއިރު ސްކޫލުގެ އެޑްމިނިސްޓްރޭޝަނުން ބެލެނިވެރިންނަށް އެންގީ "ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި" އެ ދަރިވަރުން ބަލާ އައުމަށެވެ.
ދަރިވަރުންގެ ސްކޫލް ދަބަސްތައް ބަންދުކޮށް، އެކުދިން އަވަސްވެގަތީ ހޯލްވޭ ތެރެއިން ލާފައި އަވަހަށް ސްކޫލުން ނުކުތުމަށެވެ.
އެވަގުތު ފެކަލްޓީ ލައުންޖުގައި ހުރި ޓީޗަރަކު ބޭރަށް އިޝާރާތް ކޮށްގެން ހުރީ އަލިފާނުގެ ދުންތައް އަރާ ތަނާ ދިމާލަށެވެ. މި ހަމަލާގެ އިތުރު ތަފްސީލުތައް ލިބުމާއެކު ސްކޫލުތެރޭގައި ތިބި މީހުންގެ މެދުގައި މާ ބޮޑަށް ބިރުވެރިކަން ފެތުރެން ފެށިއެވެ.
"ދާންވީ ވަގުތު ޖެހިއްޖެ" އެހެން ޓީޗަރަކު ހުރެ ގޮވައެވެ.
"އަސްރާ! އަސްރާ!" ބޭރުން ފިރިހެނަކު ގޮވާ އަޑު އިވުނެވެ. "އަވަސް! އަވަސް!"
ގްރޭޑް 7 ގެ ލީނާ، ޓީޗަރަކާ ސުވާލުކުރީ އަވަހަށް ގެޔަށް މި ފޮނުވާލަނީ ކޮން ސަބަބަކާ ހުރެތޯއެވެ.
"މިއީ މިސްގެ ފުރަތަމަ ފަހަރު ދޯ؟" ލީނާ ބުނެލިއެވެ.
އެ ކުއްޖާ ކިޔާދިން ގޮތުގައި މިފަދަ ހާދިސާތަކަކީ ސްކޫލުގައި އާންމު ކަންތައްތަކެކެވެ. ޓީޗަރު ވާހަކަ އޮޅުވާލަން މަސައްކަތް ކުރުމަށްޓަކައި ދަރިވަރުގެ ހާލު އަހާލިއެވެ.
ހެވިލާފައި އެ ކުއްޖާ ޖަވާބު ދިނެވެ. "އަހަރެންގެ އެއްވެސް އިހުސާސެއް ނެތް. އަހަރެން މަރުވިޔަސް އަހަންނަށް ހެޔޮ."
ގްރޭޑް ނުވައެއްގެ އިމްތިހާނެއްގެ މެދުތެރެއިން މެތުސް ޓީޗަރު ސިރީން އާ ހަމައަށް އެ ހަބަރު ދިޔައެވެ. އޭނާގެ ފުރަތަމަ ވިސްނުމަކީ އޭނާގެ އެންމެ ނުބައި ބިރުވެރިކަން ހަގީގަތަކަށް ވަމުން ދިއުމެވެ. އޭނާގެ ދަރިންވެސް އެ ހަނގުރާމަ ތަޖުރިބާ ކުރާނެކަން އެނގުމެވެ.
ސިރީންގެ މަތީ ސާނަވީ އަހަރު ތަކަކީ ދެވަނަ ދަތިކުރުމާ ދިމާވި ދުވަސްވަރެކެވެ. ފަލަސްތީނުގެ ހައިސްކޫލްގެ އެންމެ ފަހު އަހަރު 2002 ވަނަ އަހަރު ތައުޖީހީ ނިންމާލީ ޔުނިވާސިޓީގެ ޕްލޭސްމަންޓް ކަނޑައެޅޭ ސިލްސިލާ ސްޓޭންޑަރައިޒްޑް އިމްތިހާނަކަށް ތައްޔާރު ވުމަށެވެ. އޭނާގެ އިމްތިހާނުގެ މުއްދަތަކީ 2002 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލެވެ.
ސިރީން ވެސް އެ އަހަރު ހިސާބު އިމްތިހާނުގެ މެދުތެރޭގައި އުޅުނުއިރު އިޒްރޭލު ސިފައިން އޮތީ އޭރު ކާފިއު އިއުލާނު ކޮށްފައެވެ. "މަމްނޫއާ އަލް ތަޖާވުލް" ކިޔާ ސިފައިންގެ ފައުޖުން އެ އިމްތިހާނަށް ހުރަސް އެޅިއެވެ. "އެއްވެސް މީހަކު ހިނގާބިނގާވެ އުޅުންވެސް މަނާ." ކަމަށް އެންގިއެވެ.
"ޓީޗަރުން ބުނީ ބޭރުގައި ކޮންމެ ކަމެއް ދިމާވިޔަސް އިމްތިހާނައިގެން ކުރިއަށް ދާށޭ" އޭނާ ބުންޏެވެ. އިމްތިހާނު ނިންމާލިއިރު ކާފިއު ވަގުތުގައި ދުއްވުމަށް ހާއްސަ ހުއްދައެއް އޮންނަ ސަރުކާރުގެ ވެހިކަލަކުން ދަރިވަރުން ގެއަށް ގެންދެއެވެ. އެ އަހަރު އެ އިމްތިހާނު އެތައް ދަރިވަރަކު ފާސްކުރިއެވެ. ނަމަވެސް މަޖުބޫރުވީ ދަތިކުރުމުގެ ސަބަބުން އެނޫން ގޮތެއް ނެތުމުން އެކަން ކުރަން މަޖުބޫރުވެގެންނެވެ.
ދަތިކުރުން ނެތްނަމަ ސިރީން ބިރްޒެއިޓް ޔުނިވާސިޓީ އަށް ގޮސް އާކިޓެކްޗާ ކިޔެވީހެވެ. ނަމަވެސް އޭނާގެ މައިންބަފައިން ބޭނުންވީ އޭނާ ގެއާ ގާތުގައި މަޑުކުރުމަށެވެ. އެ ހަނގުރާމައިގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ މިސްރާބު ބަދަލުވެގެން ދިޔައިރު، މިއީ އޭނާގެ ދަރިން ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރަން ޖެހުނު ކަމެކެވެ.
ހަމާސް އިން ހޮނިހިރު ހޮނިހިރު ދުވަހު ފެށި ހަމަލާތަކުގެ ހާދިސާގެ ހަބަރު ލިބުމާއެކު އޭނާގެ ދަރިފުޅު އިހާބު ހުރީ އެކަމުގެ މާނައަކީ މިނިވަން ފަލަސްތީނެއް ކަމަށް އުއްމީދު ކޮށްގެން އުފަލުންނެވެ.
ބޭރުން އިވެމުން ދިޔަ ބާރު އަޑު އިވުމުން އޭނާ އާއި އޭނާގެ ކޮއްކޮ މާޔާ ބިރުގަތްކަމަށް އިހާބު ބުންޏެވެ.
"ސުކޫލުން އެއް ދުވަސް ޗުއްޓީ ލިބުމުން ވަރަށް އުފާވި. އެކަމަކު ބޭރުން އިވެމުން ދިޔަ އެލާމްތަކާއި ބޮން ގޮވުމުގެ އަޑުތަކުން ވަރަށް ބިރުގަތް" މާޔާ ބުންޏެވެ.
މެންދުރު އެމީހުން ހޭދަކުރީ ރައްޓެހިންނާ ފޯނުން ވާހަކަ ދައްކައި، ގްރޫޕް ޗެޓްތަކުގައި ވީޑިއޯ އާއި ހަބަރުގެ އަޕްޑޭޓް ފޮނުވުމަށެވެ. ސިރީން ބުނީ މި ވީޑިއޯތަކަކީ ގިނަ ފަހަރަށް ގްރެފިކް އަދި ހަރުކަށި ވީޑިއޯތަކެއް ކަމަށާއި ނަމަވެސް މާޔާ އޭނާގެ މަންމައަށް ޔަގީންކަން ދިނީ އެ ވީޑިއޯތަކުން އޭނާ ބިރުނުގަންނަ ކަމަށެވެ. "ބިރެއް ނުގަނޭ. މިހާރު މިކަންތައްތައް އާދަވެއްޖެ." އޭނާ ބުނެލިއެވެ.
ހަނގުރާމައިގެ ސަބަބުން އޭނާގެ ތައުލީމަށް ކުރާނެ އަސަރާމެދު މާޔާ ކަންބޮޑުވުން ފާޅުކުރިއެވެ. ސުކޫލް ބަންދުވުމުން ކިޔެވޭނެ ގޮތެއް ނެތުމުން އޭނާ ޝަކުވާ ކުރިއެވެ. "އަހަރެމެންނަށް ގައުމު ދިފާއު ކުރެވޭނީ އަހަރެމެންގެ އިލްމުން،" މާޔާ ބުންޏެވެ.
ސިރީން އޭނާގެ އަންހެން ދަރިފުޅާ އެއްބަސްވިއެވެ. ޓީޗަރެއްގެ ހައިސިއްޔަތުން ސިރީންގެ އުއްމީދަކީ ހަރުދަނާ ފަލަސްތީނެއް ބިނާކުރެވޭނެ ޖީލެއް އުފެއްދުމެވެ.
ހަނގުރާމައާ ގުޅިގެން ޕެންޑަމިކްއަށް ފަހު ފުރަތަމަ ފަހަރަށް އޮންލައިންކޮށް ކިޔެވުމަށް ބަދަލުވުމުގެ ވިސްނުން އެ ސްކޫލުން ގެންގުޅެއެވެ. ސިރީން ކަންބޮޑުވަނީ އަނެއްކާވެސް ދަރިވަރުންނަށް މުހިންމު ކޮންސެޕްޓްތަކާއި ބޭނުންވާ މުވާސަލާތީ ހުނަރުތައް ގެއްލިގެން ހިނގައިދާނެތީއެވެ.
"އަހަރެން އެދެނީ އަހަރެންގެ ދަރިންނާއި ދަރިވަރުން އާދައިގެ ދިރިއުޅުމެއް އުޅެން." ސިރީން ބުންޏެވެ.
"ހަގީގަތުގައި ވެސް އެންމެން ތިބީ ބިރުން. އެލެންބީ ބްރިޖް އޮތީ ބަންދުކޮށްފައި. އެއާޕޯޓު އޮތީ ބަންދުކޮށްފައި. ހުރިހާ ކަމެއް އޮތީ ބަންދުކޮށްފައި." އޭނާ އިތުރަށް ބުންޏެވެ.
އަދި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިގްތިސޯދެއް އޮންނަ އިރު، މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް އާއިލާއެއްގެ ބޭނުންތައް ފުއްދުމަށް ގިނަގުނަ ދަތިތަކާ ކުރިމަތިވާނެ ކަމަށް ވެސް ސިރީން ބުންޏެވެ.
ހަނގުރާމަ ކުރިއަށް ދާތާ މިއަދަށް 4 ދުވަސް ހަމަވީއެވެ. ހަމާސް އިން މިއަދު ހަވީރު 5 ޖެހި އިރު އިތުރު ރޮކެޓް ހަމަލާތަކެއް އިޒްރޭލުން ހިފާ ވަޒަންވެރިވެގެން އުޅޭ އަޝްކަލޯން އަށް ފޮނުވާލިއެވެ. ލިބުނު ގެއްލުންތަކުގެ ތަފްސީލުަތައް އަދި ލިބިފައި ނުވި ނަމަވެސް، އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ވެސް ހުއްޓުމެއް ނެތި ކުރިއަށް އެބަގެންދެއެވެ.
ހިސާބު ކިޔަވައިދޭ ސްކޫލަކީ މިހާރު ހަނގުރާމައިގެ މައިދާނަކަށް ވަނީ ބަދަލުވެފައެވެ. އިޒްރޭލުގެ ހަމަލާތައް އެ ސްކޫލަށް ވެސް ވަނީ އަމާޒު ކޮށްފައެވެ. އެތައް ގެއްލުމެއް ވެ އަލުން އާރާސްތު ކޮށްގެން ނޫނީ ކިޔައިވައި ދެވެން ނެތް ހާލަތަކަށް އެތަން ވަނީ ބަދަލުވެފައެވެ.