އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޑޭވިޑް ޖަސެޕްއާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

އެ ގައުމުގެ ސަފީރާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ފެށިގެންދާ ވެރިކަމުގެ ދައުރުގައި ރާއްޖެއާ އެ ގައުމާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އޮސްޓްރޭލިއާއާ ދިވެހިރާއްޖޭއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ފާހަގަ ކުރައްވާ ތައުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާ ރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމަށް އެ ގައުމުން ފޯރިކޮށްދެމުންދާ އެހީތެރި ކަމަށް މުއިއްޒު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކުރިއަށް މިއޮތް ދައުރުގައިވެސް މިހާރެކޭ އެއްފަދައިން ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށް މުއިއްޒި އެދިވަޑައިގެންފައި ވެއެވެ.

އޮސްޓްރޭލިއާ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތައް ކޮށް ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

އަދި މުއިއްޒު ގެންގުޅުއްވާ "ޕްރޯ-މޯލްޑިވްސް" ހާރިޖީ ސިޔާސަތަށް ޑޭވިޑް ޖަސެޕް ތައުރީފުކުރެއްވިއެވެ. މި ބައްދަލުވުމުގައި، އިންތިހާބީ ނައިބު ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.