ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އިތުރު ޖަމާއަތެއް ހިމަނާ ލިސްޓް އާންމު ކޮށްފިއެވެ.

ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް ރައީސް ކަނޑައަޅާ، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓް އާންމުކުރަން ޖެހެއެވެ.

އެގޮތުން މި އަހަރުގެ ލިސްޓް މުރާޖާކޮށްފައިވާއިރު ރައީސް އޮފީހުން ބުނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުގެ ގޮތުގައި އޮކްޓޯބަރު 2، 2022 ގައި ރައީސް ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ކިޔާ އެހެނިހެން ނަންތަކާއި އެ ޖަމާއަތްތަކުގެ ގޮފިތަކާއި އެ ޖަމާއަތެއް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީހު ހިމެނޭގޮތަށް މުރާޖައާކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ފަހަރުގެ ލިސްޓުގައި އިތުރަށް ހިމަނާފައިވަނީ ޖަމާ އަންޝާރުއް ދައުލާ (ޖޭއޭޑީ) ނަމަކަށް ކިޔާ ޓެރަރިސްޓް ޖަމާއަތެކެވެ. އެ ލިސްޓްގެ އެހެން ނަންތަކުގެ ގޮތުގައި އަންސާރުއް ދައުލާ ޖޭއޭޑީއާއި ޖެމާ އަންޝޮރުތު ދައުލާ އަދި ޖަމާ އަންޝަރުތު ދައުލަތު ހިމެނެއެވެ. އެ ޖަމާއަތަކީ އދ ގެ ސެކިއުރިޓީ ކައުންސިލުން ވެސް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި 2020 ވަނަ އަހަރު ކަނޑައަޅާފައިވާ ޖަމާއަތެކެވެ.

އޭގެ އިތުރުން ދިވެހިން ދަތުރުކުރުން މަނާ، ހަނގުރާމަވެރި ސަރަހައްދުތައް ގޮތުގައި މީގެ ކުރިންވެސް ކަނޑައަޅާފައިވާ ސީރިއާގެ ހުރިހާ ސަރަހައްދަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތް އޮތުން ވަނީ ދަމަހައްޓާފައެވެ. އަދި އެއްވެސް ހުއްދައަކާ ނުލާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނަށް ދިވެއްސަކު ދަތުރުކޮށްފިނަމަ އެއީ ޖަލު އަދަބު ލިބޭ ވަރުގެ ކުށެކެވެ.