އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް އެކުލަވާލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮމެޓީއެއް އެކުލަވާލައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އެ ކޮމެޓީގައި 7 މެންބަރުން ހިމެނޭ ކަމަށާއި ކޮމެޓީގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފިނޭންސް މިނިސްޓްރީގައި މިހާރު އެދިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ދައުލަތުގެ މިހާރުގެ ފިޒިކަލް ހާލަތާއި 2024 ވަނަ އަހަރަށް ލަފާ ކުރާ ހާލަތާ ގުޅޭ ތަފުސީލީ މައުލޫމާތު ހިމެނޭނެ ކަމަށް ފިރްޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓު އެކުލަވާލުމުގައި، ރައީސުލްޖުމުހޫއްރީއްޔާ އަދި އެމްޑީޕީގެ ފަރާތުންވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެ ފަރާތުން ބޭނުންވާ ކަންކަން ހިމެނިގެން ބަޖެޓް ހުށަހެޅިގެން ދިއުމަކީ އުއްމީދުކުރައްވާ ކަމެއް ކަމަށް ފިރްޒުލް ވިދާޅުވިއެވެ.

އަޅުގަނޑު އުއްމީދު ކުރަނީ ބަޖެޓް އެކުލަވާލުމުގައި އަޅުގަނޑުމެން ބޭނުންވާ ކަންކަން އޭގައި ހިމަނައިގެން އަޅުގަނޑުމެން ބޭނުންވާ ގޮތަށް 2024 ވަނަ އަހަރުގެ ބެޖެޓް ފަރުމާކުރުމަށް ފުރުސަތު ލިބިގެންދާނެ ކަަމަށް. އެ ޔަގީންކަން ދެއްވާފައިވޭ،
ފިރުޒުލް

ފިރްޒުލް ވިދާޅުވީ، ބަޖެޓްގައި ހިމަނާނެ ކަންކަމުގެ ތަފްސީލް މިވަގުތު ދެވެން ނެތް ކަމަށެވެ. އެއީ މިވަގުތު އަދި ފިސްކަލް ހާލަތު ނޭންގުމާއި އަދި 100 ދުވަހުގެ ވަޢުދުނާމާ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތަފްސީލެއް ވެސް ފިރްޒުލް ދެއްވާފައެއް ނުވެއެވެ.