ލ. ގަމުން ގޯތި ދޫނުކޮށް ގިނަ ދުވަސްތަކެއް ވާތީ އަނެއްކާވެސް އިހުތިޖާޖަށް ނިކުމެއްޖެއެވެ.

ގޯތިތައް ދިނުން ލަސްވުމުގެ ސަބަބުން ރައްޔިތުން ދަނީ ގަމު ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ. އިހުތިޖާޖުގެ ބައިވެރިން ގޮވަމުން ދަނީ ގޯއްޗަކީ ރައްޔިތުންގެ ހައްގު ކަމަށާއި ރައްޔިތުންނަށް ގޯތި ދިނުމަށެވެ. އަދި ބޮޑު ރަށުން ބިން ނުލިބިފައިވާ ކަމަށްވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ގޮވަމުންނެވެ.

އެ ތަނުގައި އިޖުތިޖާޖު ކުރަމުންދާއިރު ގަނޑާއި ބޯޑުތަކުގައިވެސް ޝުއޫރުތައް ލިޔެފައިވާއިރު ރާއްޖޭގެ އެންމެ ބިން ބޮޑު ރަށުން ގޯތި ނުލިބި 16 އަހަރުވެފައިވާ ކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމަށް ދަނީ ގޮވަމުންނެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަދައްކަމުން ގަމުގެ ކައުންސިލްގެ މެންބަރު އަބްދުﷲ އާސިފް ވިދާޅުވީ ގަމުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2007 އަހަރު ކަމަށާއި އޭގެ ފަހުން 2016 ގައި ގޯތި ދޫކުރަން އިއުލާންކޮށްފައިވާ ކަމަށެވެ.

އޭރު އިއުލާނުކޮށްފައިވަނީ 2000 އަކަ ފޫޓުގެ 400 ގޯތި ދޫކުރަން ކަމަށާއި އެ އަދަދާއި އަކަފޫޓާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް އައިސްފައިވާ ކަމަށް އާސިފް ވިދާޅުވިއެވެ. އަދި 2000 އަކަ ފޫޓުގެ ބަދަލުގައި 4،000 އަކަފޫޓުގެ ގޯތި ދޫކުރަން ނިންމާފައިވާ ކަަމަށް އާސިފް ވަނީ ވިދާޅުވެފައެވެ.

އާސިފް ވިދާޅުވީ އެކަން ލަސްވަނީ ސަރުކާރުގެ ފަރާތުން ލިބެން ޖެހޭ ހުއްދަތައް ނުލިބިގެން މަޑު ޖެހިފައި ވުމާއެކު ކަމަށެވެ.

ގޯތި ދިނުން ލަސްވެ މިދިޔަ މަހުގެ ފަހު ކޮޅުވެސް ލ. ގަމު ކައުންސިލް އިދާރާ ކައިރިއަށް އެއްވެ ގިނަ ބަޔަކު ވަނީ އިހުތިޖާޖުކޮށްފައެވެ.