މަޝްހޫރު ބަތަލާ/ ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒްގެ ޑްރީމް ޕްރޮޖެކްޓް "ޔާރާ" ގެ ދެވަނަ ސީޒަން ބައިސްކޯފަށް ދޫކޮށްލައިފިއެވެ.

މި ސީރީޒްގެ އެއް ވަނަ ސީޒަން މީގެ ކުރިން ގެނެސްދީފައި ވާއިރު މި ސީރީޒަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮއްސައެވެ. ކޮންމެ ބުރާސްފަތި ދުވަހުގެ ރޭ ބައިސްކޯފު އެޕްލިކޭޝަނުން މި ސީޒަންގެ އެޕިސޯޑެއް ބަލައިލެވޭއިރު މި ސީޒަން އަކީ ފުރަތަމަ ސީޒަން އަށްވުރެ މާ ސަޅި ސީޒަނަކަށް ވާނެއެވެ. ޖުމްލަ ހަތަރު ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ "ޔާރާ" ގެ ފުރަތަމަ ސީޒަން ނެރެފައި ވަނީ އޭޕްރީލް މަހުގެ 24ގައެވެ. ޖުމްލަ 12 އެޕިސޯޑްގެ މި ސީޒަން ޕްރިމިއާކުރިއިރު ވަނީ "ޔާރާ" ގެ ޝޫޓިން ގާތްގަނޑަކަށް އެއްކޮށް ނިންމާލާފައެވެ. މި ސީޒަންގެ ޝޫޓިން ވެސް ސްޓްރީމްކުރަން ފެށުމުގެ ކުރިން ޑަބިން ގެ މަސައްކަތަށް ޓީމުން ކުރިއެވެ.

އަހުމަދު އިގްބާލް (އައިކިއު) ސްކްރީންޕްލޭ ލިޔުނު "ޔާރާ" އަކީ ރޮމޭންޓިކް ކޮމެޑީ ޖޯންރާގެ ސީރީޒްއެކެވެ. މި ސީރީޒުން އެއްފަހަރާ އެންމެ ގިނަ ދިވެހި ތަރިން ފެނިގެންދާއިރު މި ސީރީޒުން ފެނިގެންދާނެ ބައެއް ތަރިންނަކީ މަރިޔަމް އައްޒަ، ޖުމައިހު (ޖުމާ)، އަހުމަދު އަޒުމީލު (އަޒޭ)، އައިމިނަތު ރަޝީދާ (އައިންތު)، މުހައްމަދު ވިޝާލް (ރޯމަން)، ޝަރާ އާދަމް، އަބްދުﷲ ޝަރަފް، ހުސައިން ޝާދިޔާން (ސޭންޑީ)، ނަތާޝާ ޖަލީލު އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. މި ސީރީޒް ބިނާވެފައި އޮންނަނީ އެކި ކަހަލަ ގުޅުންތަކުގެ މައްޗަށެވެ. ބަތަލާ ރިޝްމީ އެންމެފަހު ޑައިރެކްޓްކުރި ފީޗާ ފިލްމަކީ 2017 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބޮސް" އެވެ.