މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެއާއި މިއަދު 4 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓް ކޮށްފައިވާ އިރު، އޭގެތެރެއިން ބ. މާޅޮހުގެ ދެގެއަކަށް ފެންވަދެ ގެއްލުން ވެފައިވާ ކަަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އިއްޔެއާއި މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 4 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ޅ. ނައިފަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ރަށުގައި އެއްކޮށް ކަހަލަ ގޮތަކަށް ފެން ބޮޑުވެ އާންމު ފަރުދުންގެ އާންމު ދިރިއުޅުމަށް ވަނީ އަސަރުކޮށްފައި ކަމަށާއި ށ. ގޮއިދޫ އަށް ވެސް ވާރެވެހިގެން ރަށުތެރެ ފެންބޮޑުވެގެން ރިޕޯޓް ކޮށްފައިވާ ކަަމަށް އެންޑީއެމްއޭ އިން ބުނެއެވެ. ނަމަވެސް މި ދެ ރަށުގެ ގެތަކަށް ފެން ވަދެ، ގެތަކުން މީހުން ނެރެން ޖެހޭ ހާލަތަށް ގޮސްފައެއް ނުވެއެވެ.

މިއަދުގެ ވަގުތެއްގައި އއ. ފެރިދޫ އަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ރަށުގައި ވަނީ ފެންބޮޑުވެފައެވެ. އެ ރަށުގެ ދެ ގެއަކަށް ފެން ވަދެ ދިރިއުޅުމަށް ދަތިވާ ވަރަށް ފެން ބޮޑުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. ހަަމައެއާއެކު ބ. މާޅޮހަށް ވެސް މިއަދު ކުރި ވިއްސާރައިގައި ރަށުތެރޭގައި ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓް ކުރި ނަމަވެސް އެ ރަށުގެ އެއްވެސް ގެއަކަށް ފެން ވަދެ ދިރިއުޅުމުގެ ހާލަތަށް އަސަރުކޮށްފައެއް ނުވެއެވެ.

ފެން ބޮޑުވެގެން ރިޕޯޓް ކޮށްފައިވާ ރަށްރަށުގައި ކައުންސިލްތަކުން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހަމައެއާއެކު އެ ރަށްރަށުގައި އެހީތެރިވުމުގެ ގޮތުން އެންޑީއެމްއޭގެ ފަރާތުން ވެލިބަސްތާ ޖެހުމަށް 1000 ގޯނި އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ކުރިއަށް އޮތް ދެ ދުވަހަކީ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ދުވަތަކެއް ކަމަށާއި ހާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައި ބާރުވެ، ކަނޑު ގަދަވެ، ބޯކޮށް ވާރޭ ވެހެނޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ވާރޭ ވެހި ފެން ބޮޑުވެދާނެ ކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް ދަންވަރުގެ ވަގުތުގައި، ވާރޭ ވެހި ގޯތިތެރެއަށާއި، ގެއަށް ފެން ވަދެ، ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނަށާއި އިލެކްޓްރޯނިކްސް އެއްޗެއްސަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ގޯތިތެރެއަށާއި ގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި އެލާޓް މެސެޖުތައް ނެރޭ ސަރަހައްދުތަކުގެ ރަށްރަށަށް ގުޅައި ހާލު 24 ގަޑިއިރު މޮނިޓާ ކުރަމުން ދާ ކަމަށް އެމްއެންޑީއޭ އިން ބުނެއެވެ. އަދި ރަށްރަށުން ފެންބޮޑުވާ ހާލަތްތަކުގައި އެ އޮތޯރިޓީއަށް ރިޕޯޓް ކުރުމަށް އެމްއެންޑީއެން އިން ބުނެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރި ވިއްސާރައިގައި ހަތަރު ރަށަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 14 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެ ގޮތުުން އެ ރަށްރަށަށް އެހީތެރިވުމުގެ ގޮތުން ހިފާ ގެންގުޅޭ ޒަރޫރީ ތަކެއްޗާއި، ފަރުނީޗަރަށް ލިބުނު ގެއްލުން ވެސް ތިން ލައްކަ ރުފިޔާއަށް ވުރެ ބޮޑު ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މި ފަދަ ގެއްލުންތައް ވުން ކުޑަ ކުރުމަށް މިއަހަރުތެރޭ އާންމުކޮށް ފެންބޮޑުވާ ރަށްރަށުގެ ތެރެއިން 5 ރަށަކަށް ފެން ހިއްކާ ޕަންޕް ހަވާލުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެެ. މި ފެށޭ ހަފްތާތެރޭ 13 ރަށަކަށް ފެންހިއްކާ ޕަންޕް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.