ބޮޑު އުޖޫރަ ދޭނެ ކަމަށް ބުނެ އިންޑޮނީޝިއާއިން ބޯޓުތަކަށް އަރުވައިގެން އޮސްޓްރޭލިއާއަށް ގެންދާ ކުޑަކުދިންނަކީ ބޮޑެތި މީހުން ކަމަށް ބަލައި ޖަލަށް ލައިގެން ގެންގުޅުނީ ގޯސްކޮށް ކަމަށް ނިންމާ ގިނަ އަދަދެއްގެ ކުދިންނަށް ފައިސާގެ ބަދަލު ދޭން ނިންމައިފިއެވެ.
2009 އިން ފެށިގެން ފެންމަތިވަމުން އަންނަ މި މައްސަލަތަކުގެ ތެރެއިން އެންމެ ފަހުން އިއްޔެ ނިންމި މައްސަލައިގައި 120 ކުއްޖަކަށް 17 މިލިއަން އެމެރިކާ ޑޮލަރު ދޭން ވަނީ ކޯޓުން ހުކުމް ކޮށްފައެވެ. އެކުދިން ބުނާގޮތުން އެމީހުން ބޯޓަށް އަރުވައިގެން ގެންދަނީ ބޮޑު އުޖޫރަ ލިބޭ މަސައްކަތްތައް ކުރަން ކަމަށް ބުނެއެވެ. ގެންދަނީ ކޮންތާކަށްކަން ނޭނގި އެކުދިންނާ ހަވާލުވާ މީހުންނާއެކު ފުރައިގެން ދާ ފަހުން ބޯޓު ގޮސް ވަންނަނީ އޮސްޓްރޭލިއާގެ ކްރިސްމަސް އައިލޭންޑް އަދި ޑާވިން އަށް ކަމަށާއި، އެހާ ހިސާބުން ސަމާލަތީ އޮފިޝަލުން އެމީހުން ހައްޔަރު ކުރަނީ ކަމަށް ބުނެފައި ވެއެވެ.
ޖަލަށް ލުމުގެ ކުރިން އެކްސްރޭ ނަގާ ކަމަށާއި، އޮފިޝަލުންނަށް އެއީ ބޮޑުމީހެއް ކަމަަށް ގަބޫލު ކުރެވޭ ކޮންމެ ކުއްޖަކު ޖަލީ ހުރަގެއަށް ކަމަށް ވެސް ބުނެއެވެ. އެކުދިންގެ އުމުރަކީ 12 ވަރަކަށް އަހަރު ނަމަވެސް ބޮޑުތޯ ކުޑަތޯ ނިންމަކީ އޮސްޓްރޭލިއާގެ އޮފިޝަލުންނެވެ.
އޮސްޓްރޭލިއާގެ ގާނޫނުތައް ބުނާގޮތުން، ރެފިއުޖީންގެ ގޮތުގައި ދަތުރުކުރަކޮށް އޮސްޓްރޭލިއާއަށް އެތެރެވާ ކުޑަކުދިން އަނބުރާ ގައުމަށް ފޮނުވާލަން ޖެހުނަސް އެތަނުގެ އޮފިޝަލުން އެކަން އެގޮތަކަށް ނުކުރެއެވެ. 10-12 އަހަރު ޖަލުގައި ހޭދަކުރަން ޖެހުމާއި، ގާނޫނީ ހައްގުން މަހުރޫމް ކުރުން ފަދަ އިންސާނިއްޔަތާ ހިލާފު އެތައް ކަމެއް ހިނގާކަމަށް އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދިޔަ އިރު ކޯޓު މަރުހަލާއިން ވަނީ ސާފުވެފައެވެ.
މިފަދަ ކުދިންގެ މައްސަލަތައް ފެންމަތިކޮށް ސަލާމަކުކަމަށް ގެނައީ އެކުދިން ބައިތިއްބާފައި ތިބި ހުރަގޭގެ އޮފިޝަލެކެވެ. އޭނާގެ ބުރަ މަސައްކަތުން ގާނޫނީ އިމުގެ ތެރެއިން އެކުދިންނަށް ބަދަލު ހޯދާއި ދީފައި ވާ އިރު 2017 ވަނަ އަހަރު މިފަދަ 1700 ކުއްޖަކާއި، 2022 ގައި އެއް ކުއްޖަކަށް ވަނީ ބަދަލު ލިބިފައެވެ. މިފަހަރު ބަދަލު ލިބުނު 120 ކުދިންނަކީ 2012 ވަނަ އަހަރު އޮސްޓްރޭލިއާގެ ހުރަގެއަށް ލި ކުދިންނެވެ.
އޮފިޝަލުން ބުނާގޮތުގައި، އެކުދިން ހޯދުމަށް ނުވަތަ ސަލާމަތް ކުރުމަށް އިންޑޮނީއާ ސަރުކާރުން އެއްވެސް ވަރަކަށް އަޅާލާފައެއް ނުވެއެވެ.