ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އަދި ނުފޫޒެއް ކުރިމަތި ނުކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ، މީޑިއާތަކަށް އަމިއްލަ އިހުތިޔާރުގައި ކުރިއަރައި ދާން ސަރުކާރުގެ ތެރެއިން އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށާއި މީޑިއާތައް ކުރިއަރުވަން ސަރުކާރުގެ ތެރެއިން ގިނަ ކަންތައްތަކެއް ކުރައްވަން ބޭނުންވާ ކަމަށެވެ.
އެގޮތުން ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް އަމިއްލަ މީޑިއާތަކަށް ދެއްވާނެ ކަމަށާއި އެ ފައިސާ ހަމަޖައްސައި ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ނޫސްވެރިކަމަށް ޝަައުގުވެރިވާ ދަރިވަރުންނަށް އެ ދާއިރާއާ ގުޅޭ ތައުލީމާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ސަރުކާރުން ފަހިކޮށް ދޭނެ ކަމަށް ވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއްގެ ފައިސާ ދިނުމަށް ނިންމާފައިވާ ކަން މީގެ ކުރިން ވެސް މުއިއްޒު ވިދާޅުވެފައި ވާއިރު މުއިއްޒު ވަނީ ނޫސްވެރިން ނުވަތަ މީޑިއާއަކީ ޑިމޮކްރަސީއެއް ވަރުގަދަ ކުރުމުގައި އެންމެ މުހިންމު އެއް ފަރާތް ކަމަށާއި ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި ވެސް އެންމެ އިސްދައުރެއް އަދާކުރާ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށެވެ.
މިގޮތުން ގާނޫނަށް ބަދަލު ގެނެސްގެން، ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ނޫސްވެރިކަމުގައި މަސައްކަތްކުރާ އެކި ކަހަލަ މީޑިއާތަކަށާއި ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިހާރު ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން މީޑީއާތަކަށް ފައިސާ ދޭ ގޮތަށް އޮތުމުން ސަރުކާރުގެ ބާރާއި ނުފޫޒު ނޫސްވެރި ކަމަށް ފޯރާ ކަން ފާހަގަކުރައްވާ މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ސަރުކާރު ޒިންމާދާރުކޮށް، ނޫސްވެރިން ކުރާ ބުރަ މަސައްކަތުގައި ފުރިހަމަ އެހީތެރިކަން ދޭ ރައީސަކަށް ވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.