ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ފޭސްބުކް އެކައުންޓް ހެކް ކޮށްގެން ފައިސާ ހޯދި 6 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އަދި 35000 އަށް ވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އަތުލާފައިވާކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ

ފުލުހުން ބުނީ، ފޭސްބުކް އެކައުންޓް ޕާސްވޯޑު ރީސެޓް ކުރުމަށް ކަމަށް ބުނެ ގުޅައި، އޯޓީޕީ ކޯޑު މޯބައިލް ފޯނަށް ފޮނުވުމަށް ފަހު ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދަމުންގެންދާ މައްސަލަތައް ފުލުހުންނަށް ހުށަހަޅަމުންދާ ކަމަށެވެ.

މިގޮތަށް ގުޅާ މީހުން، އެ ނަންބަރަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ގެންގުޅުނު މޯބައިލް ނަމްބަރެއްކަމަށް ބުނާ ކަމަށާއި އަދި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަންވެގެން ނަންބަރު ދޫކޮށްލީކަމަށް ބުނާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން އޭނާގެ ފޭސްބުކް ޕާސްވޯޑު ރީސެޓް ނުކުރެވިގެން އުޅޭކަމަށާއި އަދި ޓޫފެކްޓާ އޯތޮންޓިކޭޓާ ސެޓުކޮށްފައިވާނީ އެ ނަންބަރަށް ކަމަށް ބުނެ ފޯނަށް ލިބޭ އޯޓީޕީ ކޯޑު ކިޔައިދިނުމަށް އެމީހުން އެދޭ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން އިތުރަސް ބުނީ، ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ވެސް ހުށަހަޅަމުންދާ ކަމަށެވެ.

ފުލުހުން ވަނީ އަމިއްލަ ނަންބަރަށް އެގޮތަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށާ އަދި ފޭސްބުކް މެސެންޖާ އިން ނުވަތަ މީސްމީޑިއާގެ އެހެނިހެން ވަސީލަތަކުން ވިޔަސް ފައިސާ ހޯދުމަށް ވާހަކަ ދައްކާ މީހުންގެ ކިބައިން ސަލާމަށްވެ ރައްކާތެރިވެތިބުމަށް އިލްތިމާސްކޮށްފައެވެ. އަދި ކާކުކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.