މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ދިން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން ބުނީ، މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި، މާލެ، "ހަބީބީ" ކެފޭތެރޭގައި، ޒަރީރަށް ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި ދައުވާތައް ކުރުމަށް ސެޕްޓެންބަރު 19، 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) އާއި ތ. ކިނބިދޫ، ދީފުރަމްގެ، އަހްމަދު އަވްޝަމް އަދިމ. ތާޖް، މުލާއިމް މުޙައްމަދުގެ މައްޗަށެވެ.
މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ)ގެ މައްޗަށް:
- ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން
ތ. ކިނބިދޫ، ދީފުރަމްގެ، އަހްމަދު އަވްޝަމްއާއި، މ. ތާޖް، މުލާއިމް މުޙައްމަދުގެ މައްޗަށް:
- ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުން
ހަބީބީ ކެފޭގައި ރައްޓެހިންތަކަކާ އެކީގައި އިންނަވަނިކޮށް، ފަސް މީހުންގެ ގްރޫޕަކުން އެ ކެެފޭ އަށް ވަދެ ޒަރީރަށް ހަމަލަދީފައިވާއިރު ފުލުހުން އޭރު ބުނީ، ޒަރީރަށް ހަމަލަ ދިނީ ނުރައްކާތެރި ހަތިޔާރަކުން ކަން ބެލެވޭ އެއްޗަކުން ކަމަށެވެ. އެ ހަމަލައާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ޒަރީރު ފަރުވާ ހޯއްދަވާފައި ވެއެވެ.
މިމައްސަލާގައި ހައްޔަރުކުރި ކުށުގެ ރެކޯޑު އޮންނަ ގައްބަރޭ ވަނީ މީގެ ކުރިން މީހަކު މަރާލުމުގެ ތުހުމަތެއްގައި ހައްޔަރު ކޮށްފައެވެ. އެކަމުގައި ބައިވެރިވިކަމަށް އޭނާ އެއްބަސްވި ނަމަވެސް، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ، ކޯޓުން އިބްރާހީމް އަބްދުﷲ އެ ފަހަރު ދޫކޮށްލީއެވެ.