މިއަދު ނޭޕާލަށް އައި ބާރުގަދަ ބިން ހެލުމުގެ އަސަރު އަވައްޓެރި އިންޑިއާ އާއި ސްރީލަންކާއަށް ކޮށްފިއެވެ.
ނޭޕާލަށް މިއަދު ވަނީ 26 މިނެޓުގެ ތެރޭގައި ދެ ބިންހެލުމެއް އައިސްފައެވެ. މި ބިންހެލުންތަކުގެ ބާރުމިނުގައި ރިކްޓާ މިންގަނޑުން 4.6 އަދި 6.2 މެގްނިޓިއުޑް ރެކޯޑް ކޮށްފައި ވެއެވެ.
ރޮއިޓާސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނޭޕާލަށް މިއަދު އައި ދެ ބިން ހެލުމުގައި އެކަކު ޒަހަމްވެ، ގެތަކަށް ގެއްލުންވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބޮޑު ހައިވޭއެއް ވަނީ ހުއްޓިފައެވެ. މި ބިން ހެލުމުގެ އަސަރު އިންޑިއާއަށް ކޮށްފައިވާ ކަމަށް ވެސް އެ މީޑިއާއިން ބުނެއެވެ.
އިންޑިއާގެ ދާހިލީ ވުޒާރާގެ އޮފިޝަލް ރާމާ އަޗާރިޔާ ވިދާޅުވީ ނޭޕާލްގެ ޑިސްޓްރިކްޓް ކަމަށްވާ ބަޖަންގްއަށް 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ބޮޑު ހައިވޭއެއް ހުއްޓިފައިވާ ކަމަށެވެ.
އެ ޑިސްޓްރިކްޓްގެ އިސް އޮފިޝަލެއް ކަމަށްވާ ބާބޫރާމް އާރްޔަލް ވިދާޅުވީ އެއްޗެއް ވެއްޓި އެކަކު ޒަހަމްވެފައިވާ އިރު، ޑިސްޓްރިކްޓްގެ އަވަށެއް ކަމަށްވާ ޗެއިންޕޫރުގެ ބައެއް ގެތައް ވެއްޓިފައިވާ ކަމަށެވެ.
މި ބިން ހެލުމުގެ އަސަރު އަވަށްޓެރި އިންޑިޔާގެ އުތުރުގެ ބައެއް ސަރަޙައްދުތަކަށް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ބިންހެލުމުގެ ސަބަބުން ނިއު ދިއްލީގެ ބައެއް ސަރަހައްދުތަކުގެ ގެތަކާއި އޮފީސް ބްލޮކްތަކުން މީހުން ނުކުމެފައިވީ ނަމަވެސް، އެއްވެސް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަވައްޓެރި ސްރީލަންކާގައި ދިރިއުޅެ މީހުންނަށް ވެސް މި ބިން ހެލުމުހެ އިހްސާސް ވިއެވެ.
ނޭޕަލަށް އައި ބަރުގަދަ ބިން ހެލުމާ ގުޅިގެން ރާއްޖެއަށް ރާއްޖެއަސް އެއްވެސް އަސަރެއް ކުރާނެ ކަމެއް އަދި ނޫން ކަމެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.