ކޮލަމްބިއާއަށް އައި 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 111 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެއެވެ.

ކޮލަމްބިއަން ޖިއޮލޮޖިކަލް ސާވިސްއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ މި ގަރުނުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ހޯމަ ދުވަހު އައި މި ބިންހެލުމުގެ އަސަރު ކޮލަމްބިއާގެ ހުޅަނގުގެ ސިޓީތައް ކަމަށްވާ ކާލީ، ޕެރޭރާ، ކިބްޑޯ އަދި މަނިޒާލެސްއަށް ވަނީ ކޮށްފައެވެ. މީގެ އިތުރުން އަވަށްޓެރި އެކުއެޑޯއާއި ޕެނަމާއަށް ވެސް ބިންހެލުމުގެ އަސަރު ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި، ބިންހެލުމުގެ އޭޕިސެންޓަރު ހުރީ ވެރިރަށް ބޮގޯޓާގެ ހުޅަނގުން 400 ކިލޯމީޓަރު ދުރުގައި އޮންނަ ޗޯކޯ ސަރަހައްދުގެ ސެން ހޯސޭ ޑެލް ޕަލްމާގައެވެ. މި ބިންހެލުން އައިސްފައިވަނީ 107 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުމަށްފަހު މަދުވެގެން 21 އާފްޓާޝޮކް އައިސްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮލަމްބިއާގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކާލީގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އާންމުންނާއި މީހުން ސަލާމަތްކުރާ ޓީމުތަކުން ދަނީ ކުރަމުންނެވެ. ކާލީގެ ލޯކަލް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، އެ ސިޓީގެ 20 އިމާރާތެއް ވެއްޓި، 380 އިމާރާތަކަށް ވަނީ ގެއްލުންވެފައެވެ. އަދި ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ކޮލަމްބިއާގެ އާ ރައީސް އަބެލާޑޯ ޑެ ލާ އެސްޕްރިއޭލާ ވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައެވެ. ގައުމާ މުހާތަބުކުރައްވައި އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެންމެ އިސްކަމެއް ދެނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށެވެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ފުރަތަމަ ލިބުނު މައުލޫމާތުތަކުން 111 މީހުން މަރުވެ، 87 މީހުންނަށް ވަނީ އަނިޔާވެފައެވެ. މީގެ ތެރޭގައި ކޮފީ ހައްދާ ސަރަހައްދެއް ކަމަށްވާ ރިސަރާލްޑާއިން މަރުވި 40 މީހުންނާއި، ކާލީ ހިމެނޭ ވެލޭ ޑެލް ކައުކާ ސަރަހައްދުން މަރުވި 27 މީހުން ހިމެނެއެވެ. ވެލޭ ޑެލް ކައުކާއިން މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން ޗޯކޯ ސަރަހައްދުން 12 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ނޫބިއާ ކެރޮލީނާ ކޯޑޯބާ ވިދާޅުވިއެވެ.

ބިންހެލުމާ ގުޅިގެން ގެއްލުނު މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ޑިޖިޓަލް ޑޭޓާބޭސްތަކުގައި 1،400 އަށް ވުރެ ގިނަ މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކާލީ އަދި ޕެރޭރާ ސަރަހައްދުގެ މީހުންނެވެ. ޕެރޭރާގެ މޭޔަރު މައުރީސިއޯ ސަލަޒާރު ލޯކަލް ރޭޑިއޯއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، އެ ސިޓީގައި ވެއްޓިފައިވާ 15 އިމާރާތެއްގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް ބެލެވެއެވެ.

ކޮލަމްބިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ މަސައްކަތްކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކުއްލި އެހީގެ ގޮތުގައި 15.5 މިލިއަން ޑޮލަރު ދޭނެކަން އިއުލާންކޮށްފައެވެ. މީގެ އިތުރުން އެލް ސަލްވާޑޯ، މެކްސިކޯ، ޗިލީ، އިސްރާއީލް، އެކުއެޑޯ އަދި ފަރަންސޭސިވިލާތުން ވެސް ކޮލަމްބިއާއަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަން ވަނީ ހާމަކޮށްފައެވެ.