ރާއްޖެއަށް ގިނަ އަދަދެއްގެ ބަޔަކު އައިސް ގޮސްވާ ބަންގްލަދޭޝްގައި ޑެންގޫ ފެތުރި 1000 އަކަށް ވުރެ ގިނަ މީހުން މަރުވެފައި ވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.

މޫސުމީ ބަދަލުތަކާއެކު ޑެންގޫ ފެތުރުން އިތުރުވަމުން އަންނަ އިރު، ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭ ވެހި ފެންހެދި ފެން ހަރުލާފައި ހުންނަ އެތައް ތަނެއްގައި ޑެންގޫ ފަތުރާ އީޑީސް މަދިރި އާލާވާ ނިސްބަތް އިތުރުވެފައި ވާ ކަމަށާއި، ބަލި ޖެހޭ ނިސްބަތްވެސް އިތުރުވެފައި ވާ ކަމަށް އިދާރާތަކުން ބުނެއެވެ.

އެގޮތުން މަރުވި މީހުންގެ ތެރޭގައި 100 ކުޑަކުދިން ހިމެނޭ އިރު، ބަލި ޖެހި ފަރުވާ ހޯދި މީހުންގެ އަދަދު 208،000 އަށް އަރާ ކަމަށް ވެސް އިދާރާތަކުން ބުނެއެވެ.

އާންމުކޮށް ޖުލައި އިން ފެށިގެން ސެޕްޓެމްބަރާ ދެމެދު ޑެންގޫ ފެތުރުން އިތުރު ނަމަވެސް މޫސުމީ ބަދަލުތަކާއެކު މި ސީޒަން މިއަހަރުގެ އޭޕްރީލް ހިސާބުގައި ފެށިފައި ވާ ކަމަށް ވެސް އެގައުމުގެ އިދާރާތަކުން ވަނީ ބުނެފައެވެ.

އާންމުކޮށް ވާރޭ ވެހޭ މޫސުމުގައި ވާރޭ ނުވެހި ހޫނުމިން އިތުރުވަމުން ދިޔުމާއެކު މޫސުމާ ބެހޭ މާހިރުން ކަންބޮޑުވުން ފާޅު ކުރަމުން ދާ އިރު، ބަންގްލަޑޭޝްގައި ޑެންގޫ ޖެހިގެން ހުސްވި ސެޕްޓެމްބަރު މަހު އެކަނިވެސް 79،600 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން 396 މީހަކު މަރުވި ކަމަށާއި، އާންމުކޮށް ބަލި ފެތުރޭ ސަރަހައްދުތަކަކީ، އެކަށީގެންވާ ސިއްހީ ފަރުވާ ލިބެން ނުހުންނަ ސަރަހައްދުތައްކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.

މިދިޔަ އަހަރު ޑެންގޫ އެންމެ ބޮޑަށް ފެތުރުނީ އޮކްޓޯބަރުގައި ނަމަވެސް ބަލި ޖެހި ގިނަ ބަޔަކު މަރުވެފައި ވަނީ ނޮވެމްބަރުގައެވެ.

ޑެންގޫ އަކީ މުޅި ދުނިޔޭގައި ވެސް ފެތުރޭ ބައްޔަކަށް ވާއިރު، ހިސާބުތައް ދައްކާގޮތުން ކޮންމެ އަހަރު 100 މިލިއަނާއި 400 މިލިއަނާ ދެމެދުގެ އަދަދެއްގެ މީހުންނަށް ބަލި ޖެހެއެވެ. މި މައުލޫމާތަކީ 100 ގައުމަކަށް ނިސްބަތް ކޮށް ޑަބްލިއު އެޗްއޯއިން އާންމުކޮށްފައި ވާ މައުލޫމާތަށް ވާ އިރު، ބަންގްލަދޭޝް އަށް އެކަނި އަމާޒުކޮށް ބުނެފައި ވަނީ 20 މިލިއަން މީހުން ދިރިއުޅޭ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބޭރުން އެހެން ސިޓީތަކަށް ވެސް ޑެންގޫ ފެތުރިފައި ވާ ކަމަށެވެ.

ބަންގްލަޑޭޝްގެ ހާލަތު ހަމައަކަށް އެޅުވުމަށް ލެބްތަކުގެ ކެޕޭސިޓީ އިތުރު ކުރުމާއި، އިންސާނީ ވަސީލަތްތަކުގެ ދާއިރާއިން އދ ގެ އިދާރާތަކުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ އިރު، މަދިރީގެ ޒަރީއާއިން ފެތުރޭ ޒިކާ، ޗިކެންގުންޔާ، ޔެލޯފީވާ ފަދަ ބަލިތައްވެސް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައި ވެއެވެ.

މިއަހަރު ޑެންގޫގެ ރާޅުތައް ފެތުރިގެން ދިޔަ ގައުމުތަކުގެ ތެރޭގައި ދެކުނު އެމެރިކާގެ ޕެރޫ، ލަންކާ، ތައިލޭންޑް އަިދ މެލޭޝިއާ ފަދަ ގައުމުތައް ހިމެނެއެވެ. މީގެ އިތުރުން އެފްރިކާގެ ޗާޑް ފަދަ ގައުމުތަކުގައި ވެސް މިއަހަރު ވަނީ ޑެންގޫ ފެތުރި އެލާޓް ކޮށްފައެވެ.

ރާއްޖެއަކީ ބަންގްލަދޭޝްގެ ގިނަ ބަޔަކު އުޅެމުން ދާ ގައުމަކަށް ވާއިރު، ބަންގްލަދޭޝް އިން ރާއްޖެ އަންނަ މީހުންނާއި އެގައުމަށް ދަތުރު ކުރާ ފަރާތްތަކުގެ މެދުގައި ޑެންގޫ ފެތުރޭކަމުގެ މައުލޫމާތެއް ރާއްޖޭގެ އިދާރާތަކުން ހާމަކޮށްފައި ނުވާއިރު، ސްކްރީން ޕްރޮގްރާމެއްވެސް އަދި ނުހިންގައެވެ.