ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ކުރީގެ ރަސްމީ ގެކޮޅު މިއުޒިއަމަކަށް ބަދަލުކުރަން ނިންމާފައިވަކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.
ޝައިހް ހަސީނާގެ ގެކޮޅު ދާރުލްއާސާރަކަށް ބަދަލުކުރުމަށް އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އާބާތުރަ ފިލުމުގެ މަސައްކަތް ފަށާފައި ވާއިރު އެއީ އެކަމަނާގެ ދޯދިޔާ ވެރިކަމާއި ރައްޔިތުންގެ ރުޅިވެރިކަމުގެ ހަނދާންތައް ރައްކާކުރަން ޖެހޭ ތަނެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
ބޭރުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި މިއުޒިއަމްއަށް ކިޔާނެ ނަންވެސް ފާސްކޮށްފައިވާ ކަމަށާއި، ހަސީނާގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅުވާ އެގެއަށް ޖުލައި ގަތުލުއާންމުގެ ހަނދާނީ މިއުޒިއަމް ކިޔުމަށް ނިންމާފައިވާކަމަށެވެ. އަދި މިތަން މަރާމާތުކޮށް ނިމުމުން އާންމުންނަށް ހުޅުވާލާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާ ހިލާފު ގިނަ ކަންތައްތަކެއް ހިނގާފައިވާއިރު، ސިޔާސީ އިދިކޮޅު ފަރާތްތައް ގިނަ އަދަދަކަށް ބަންދުކޮށް ޝަރީއަތުން ބޭރުން ގިނަ ކަންތައްތަކެއް ކޮށްފައިވާއިރު ބަންގްލަދޭޝްގެ ކޯޓަކުން ވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. 2009 އިން ފެށިގެން ބަނގްލަދޭޝްގައި ވެރިކަން ކުރައްވަމުން ގެންދެވި ހަސީނާ އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތީ، އެގައުމުގައި ސިވިލް ސާވީސްގެ ވަޒީފާ ދިނުމުގައި 1971 ގެ ހަނގުރާމައިގައި ބައިވެރިވި ފަރާތްތަކުގެ އާއިލާތަކަށް ކޯޓާއެއް ކަނޑައަޅާފައި އޮންނަ މައްސަލައިގައި އާންމުން ހިތްހަމަ ނުޖެހި ފެށި މުޒާހަރާތަކުގައި އާންމުންގެ ބަޔަކު މަރުވެފައި ވުމުން އުފެދުނު ރުޅިވެރިކަމުގައި ކުރަމުން ދިޔަ މުޒާހަރާ ކޮންޓްރޯލުން ނެއްޓިގެންނެވެ.
ހަސީނާ ވެރިކަން ދޫކުރައްވައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައި ވާ އިރު އެކަމަނާގެ ގަނޑުވަރުގެ ފާރުތަކުގައި، ވެރިކަން ކުށްވެރިކޮށް ގްރެފިޓީތަކެއް ޖަހާފައިވާއިރު ގަނޑުވަރުގެ ވަރަށް ގިނަ ސާމާންވަނީ ލޫޓުވާފައެވެ.