ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
މި މަހު 9 ވަނަ ދުވަހު ހިދުމަތް ޖަމިއްޔާގެ ޓީމާއެކު މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަތް ތަނާ، ޝައިހް ފަރީދު އަވަހާރަވީ އެ ގައުމުގެ އެއާޕޯޓުގައެވެ.
އާންމުންގެ އެހީއާ އެކު ބިނާކުރާ މިސްކިތުގެ ބިންގާ އިއްޔެ އަޅާފައިވާއިރު މި މިސްކިތް ބިނާކުރަނީ ހިދުމަތް ޖަމިއްޔާއިންނެވެ. މި މިސްކިތުގެ ބިންގާ އަޅައިދިނީ ފަރީދުގެ ދެ ދަރިކަލުން ކަމަށްވާ އަބްދުﷲ ފަރީދު އަދި މުހައްމަދު ފަރީދުއެވެ. ހިދުމަތް ޖަމިއްޔާއިން ބުނީ މިއީ 455 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. މިސްކިތުގެ ބޮޑު މިނުގައި 250 އަކަ މީޓަރު ހުންނާނެކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މި މިސްކިތް ބިނާކުރުމަށް 760،000 ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު، މި ފައިސާ ހޯދަން އެހީ ޖަމިއްޔާއިން އިއުލާނުކުރިތާ އެއް ދުވަސް ނުވެ، އެ އަދަދު ވަނީ ހަމަވެފައެވެ. އަދި އިތުރަށްވެސް މީހުން ފައިސާ ޖަމާކުރަމުން ދިއުމާއި ގުޅިގެން ހިދުމަތް ޖަމިއްޔާއިން ވަނީ ރާއްޖޭގައި ވެސް މިސްކިތެއް އަޅަން ނިންމާފައެވެ.
ޝައިހް ފަރީދު އަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޝައިހް ފަރީދު ވަނީ އިސްކޮން ހުންނަވައިގެން އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އުފައްދާފައިވާއިރު، އޭނާ ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދީނީ ދަރުސްތައް ދީފައެވެ.