ބަންގްލަދޭޝް އިން އިންޑިއާގެ ބަދަލުގައި ރާއްޖެ މެދުވެރިކޮށް ގާމެންޓު ނުވަތަ އަންނައުނު އެކްސްޕޯޓު ކުރަން ފަށައިފިއެވެ.
ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު އަންނައުނު ވިޔަފާރި ކުރަމުންދާ ބަންގްލަދޭޝް އިން އިންޑިއާގެ ބަދަލުގައި ރާއްޖެ މެދުވެރިކޮށް ގާމެންޓު އެކްސްޕޯޓު ކުރަން ނިންމީ އިންޑިއާގެ އެއާޕޯޓުތަކާ، ޕޯޓުތަކަށް ބާރު ބޮޑުވެ ތަކެތި އެކްސްޕޯޓު ކުރުމުގައި ލަސްތަކެއް ދިމާވާތީ ކަމަށް ބޭރުގެ ހަބަރުތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.
މިއާއެކު ދުނިޔޭގެ އެންމެ މަޝްހޫރު ގާމެންޓު ބްރޭންޑުތައް ކަމަށްވާ އެޗްއެންއެމް އަދި ޒާރާ ފަދަ ގާމެންޓު ބްރޭންޑުތަކުގެ ޝިޕްމެންޓުތައް ދުނިޔޭގެ އެހެން ގައުމުތަކަށް ދެން ފޮނުވާނީ ރާއްޖެ މެދުވެރިކޮށެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ "ސީ ޓު އެއާ ކާގޯ" ގެ ނަމުގައި މި އަހަރުގެ ޖޫން މަހު ފެށި މި މަސައްކަތުގެ ކުރިއެރުންތައް ފެނިގެންދާ ކަމަށާއި، މޯލްޑިވްސް އިން މެދުއިރުމައްޗާއި ޔޫރަޕަށް ކުރާ ދަތުރުތަކުގައި މުދާ އުފުލުމުގެ ޑިމާންޑް އިތުރުވަމުން ދާ ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްވެސް ވަނީ ރާއްޖެ މެދުވެރިކޮށް ބަންގްލަދޭޝް އިން ގާމެންޓު އެކްސްޕޯޓު ކުރަން ފެށުމުން ކޮންމެ މަހަކު އެތެރެކުރާ ކޮންޓެއިނަރުގެ އަދަދު ދެގުނަ ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އެވްރެޖުކޮށް ކޮންމެ ދުވަހަކު 50 ކޮންޓެއިނަރު ކުރިން ރާއްޖެ ގެނައި ނަމަވެސް މިހާރު އެ އަދަދު 90 އިން މައްޗަށް އަރާފައިވާ ކަމަށާއި، އެއާ އެކު ލިބޭ އާމްދަނީ ވެސް އިތުރުވާނެ ކަމަށް ވަޖީހު ވަނީ ވިދާޅުވެފައެވެ.
ސީ ޓު އެއާ ކާގޯގެ ހިދުމަތަކީ ކަނޑުމަގުން ގެންނަ މުދާ ޓްރާންސިޓުކޮށް ވައިގެ މަގުން އެހެން ގައުމުތަކަށް ފޮނުވުމެވެ. ރާއްޖޭގައި މި މަސައްކަތް ފެށުމުގެ ގޮތުން އެމްޕީއެލް އިން ފުރަތަމަ ފަހަރަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މާޗް މަހު ޓާކިޝް އެއާލައިނާ އެކުއެވެ. ފުރަތަމަ ކާގޯ ޝިޕުމެންޓު ފޮނުވީ މި އަހަރުގެ މެއި މަހުއެވެ.