ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުހިއްމު މާއްދާތަކަށް ރައްޔިތުންގެ މަޖިލީހުގައި ތިބޭ މީހުންނަށް ބަދަލު ގެނައުމުގެ ބާރު ލިބިދޭ ގޮތަށް މާފަންނު އުތުރު ދާއިރަގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅާފައިވާ ބިލު ބަލައި ނުގަތުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ނޫސްބާޔާނެއްގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި އެ ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ހަމައެއާއެކު ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ގާނޫނު އަސާސީގެ ބައެއް މާއްދަތަކަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވާނީ އެ އިސްލާހު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގައި ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިފަދައިން ގާނޫނު އަސާސީން ފާހަގަ ކުރާ މާއްދާތަކުގެ ތެރޭގައި ހިމެނެނީ، ގާނޫނު އަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން"، ގާނޫނު އަސާސީގެ 79 ވަަނަ މާއްދާގެ (ހ) "ރައްޔިތުން މަޖިލީހުގެ އުމުރު"، ގަނޫނު އަސާސީގެ 107 ވަނަ މާއްދާ "ރިޔާސަތުގެ ދައުރު" އަދި 108 ވަނަ މާއްދާ "ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް" މިއެވެ.
އެ ޖަމިއްޔައިން ބުނީ، މާފަންނު އުތުރު ދާއިރަގެ މެންބަރު އިމްތިޔާޒް ފަހުމީ މިއަދު ހުށަހަޅާފައިވަ އިސްލާހުގައި ކަމަކާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ކަމެއްގައި ގަނޫނު އަސާސީގައި އެކަމަކާ ގުޅިގެން އިސްލާހެއް ގެންނަ ނަމަ، މިއީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައްދާތަކާ ގުޅޭ ކަމެއް ކަމަށެވެ. ނަމަވެސް އެ އިސްލާހު ތަސްދީގު ކުރުމުގެ ކުރިން އިތުރު ފެންނަ ނުފެންނަ ވޯޓެއް ނަގާކަށް ނުޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ގަނޫނު އަސާސީއަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ސަބަބުން، ގާނޫނު އަސާސީއަށް ގެންނަ ބައެއް އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުގެ ކުރިން، ރައްޔިތުންނަށް އެކަމާ މެދު ރުހުން ދިނުމަށް އޮންނަ ބާރު ގެއްލިގެންދާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ. ގަނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ މި ބާރުގެ ބޭނުމަކީ އެއިރަކު އިންތިހާބުވެފައި ތިބޭ ބަޔަކަށް ފެންނަ ގޮތަށް، ރައްޔިތުންނާއި ގުޅުން ހުރި މުހިއްމު މާއްދާތަކަށް ރައްޔިތުންގެ ރުހުމާ ނުލައި ބަދަލު ގެނައުމުގެ ފުރުސަތު ނުދިނުން ކަމަށް ވެސް ބުނެއެވެ. ރައްޔިތުންނަށް ދީފައިވާ ބާރު ހަނިވާ ގޮތަށް ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް ގެންނަ އެއްވެސް ބަދަލަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.