އަވަސްއަރުވާލައިގެން އިންޓަރެސްޓްރޭޓް ބޮޑުކޮށް، 300 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން އެމްޓީސީސީ އިން އުޅޭ ކަމަށް "ދިޔަރެސް" ނޫހުގައި ޝާއިއު ކުރި ހަބަރަކީ ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށް އެ ކުންފުނިން ބުނެފިއެެވެ.
މިކަމާ ގުޅިގެން އެމްޓީސީސީ އިން ބުނީ "ރައްޔިތުންގެ ކުންފުނި" މި ސްލޯގަންގެ ދަށުން އެމްޓީސީސީ އިން އަބަދުވެސް މަސައްކަތް ކޮށްފައި ވާނީ ކުންފުނީގެ މަސްލަހަތު އިސްކޮށް، ދިވެހި ގައުމާއި މުޖުތަމައުއަށް ހިދުމަތް ކުރުމުގެ ރޫހުގައި ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި، އެ ކުންފުނިން ހޯދާއިފާއިވާ އިތުބާރާއި ރީތި ނަން ކިލަނބުކޮށް ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ދޮގު ހަބަރު ފަތުރަމުން ދިޔުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
ދިޔަރެސް ނޫހުގެ ހަބަރަކީ ރައްޔިތުންގެ ހިތްތަކުގައި އެ ކުންފުންޏަށާއި، ކުންފުނީގެ އިސްވެރިންނަށް ލިބިފައިވާ އިތުބާރާއި، ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއްކަން އެ ކުންފުނިން ފާހަގަ ކުރެއެވެ. އެގޮތުން ދިޔަރެސް ނޫހުގައި އެ ކުންފުނިން އަވަސް އަރުވާލައިގެން ބޮންޑެއް ވިއްކަން އުޅޭ ކަމުގައި ބުނެފައި ވާއިރު، އެ ބޮންޑު މެދުވެރިކޮށް ޕްރައިވެޓް އިންވެސްޓަރުންގެ ފަރާތުން ފައިނޭންސް ހޯމުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައި ވާނީ މިދިޔަ މާޗް މަހުގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ބޮންޑަކީ ކެޕިޓަލްމާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފައިނޭންޝަލް އިންސްޓުރުމަންޓެއް ކަމުން، މިކަމުގެ އިދާރީ ކަންކަން ވޭތުވެދިޔަ 7 މަސްތެރޭ ފުރިހަމަ ކުރުމަށް ފަހު މިހާރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޕޯޓަލްގައި ރެޖިސްޓާ ކޮށްގެން އެ ބޮންޑުގެ ފުރިހަމަ މައުލޫމާތު ކޮންމެ ފަރާތަކަށް ވެސް އާންމުކޮށް ފެންނަން ހުންނާނެ ކަމުގައި ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީ އިން އިތުރަށް ބުނީ އެ ބޮންޑަކީ އެ ކުންފުންޏަށް ލިބިފައިވާ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ވޯކިން ކެޕިޓަލާއި މެޝިނަރީ އަދި މެޓީރިއަލްސް ހޯދުމުގެ ބޭނުމުގައި ލިސްޓްކޮށްފައިވާ ބޮންޑެއް ކަމަށެވެ. އަދި އެ ބޮންޑުގެ 9.5 ޕަސެންޓުގެ އިންޓަރެސްޓް ރޭޓަކީ މިވަގުތު ރައްޖޭގެ ކޮމާޝަލް އެވަރެޖް ބޮރޯވިން ރޭޓާ އަޅާބަލާއިރު ބޮޑުތަނުން ކުޑަ ރޭޓެއް ކަމަށެވެ.
އެމްޓީސީސީއިން ފިކްސްޑް އިންކަމް ބޮންޑެއް ލިސްޓުކުރުމަށް ކޮށްފައިވާ މަސައްކަތުގެ ޓައިމްލައިން
- ބޮންޑު ވިއްކުމަށް ލީޑް މެނޭޖަރެއް އައްޔަން ކުރުމަށްޓަކައި ކުންފުނީގެ ބޯޑަށް ހުށައެޅުން - މާޗް 15
- ޕްރޮކިޔުމަންޓް ޕޮލިސީއާ އެއްގޮތަށް ލީޑް މެނޭޖަރެއް އައްޔަންކުރުމުގެ ހުއްދަ ކުންފުނީގެ ބޯޑުން ދިނުން - މެއި 2
- ލީޑް މެނޭޖަރެއް އައްޔަންކުރުމަށް ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) އަށް ހުޅުވާލާ އިއުލާންކުރުން - މެއި 15
- ޕްރޮޕޯސަލްތަށް ލިބި ޓެންޑާ ކޮމިޓީއިން ދިރާސާކުރުން - މެއި 21
- ލީޑް މެނޭޖަރުގެ ގޮތުގައި ފަސްޓް ނޭޝަނަލް ކޯޕަރޭޝަންއާއި އެކު ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރުން. އެއްބަސްވުން ނަންބަރު: (MTCC-LAD/AGR/2023/0028) - ޖޫން 18
- ވިޔަނަ ޕޯޓަލްގައި ރަޖިސްޓްރީވުން - ޖުލައި 20
- ކުންފުނީގެ ބޯޑުން ބޮންޑުގެ ޕްރޮސްޕެކްޓަސް ފާސް ކުރުން - އޮގަސްޓް 29
- އެމްޓީސީސީއިން ފިކްސްޑް އިންކަމް ބޮންޑެއް ވިއްކުމަށް ސީއެމްޑީއޭ އިން ހުއްދަދިނުން - ސެޕްޓެމްބަރު 10
- މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ފަރާތުން ބޮންޑު ލިސްޓުކުރުމުގެ ހުއްދަ ދިނުން - ސެޕްޓެމްބަރު 20
ހަގީގަތް އޮޅުވާލުމަށް "ދިޔަރެސް" ނޫހުގައި އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމުވާ ގޮތަށް ހަގީގަތާއި ހިލާފު ދޮގު ހަބަރު ފެތުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށާއި އެކަން ކުރުމުގެ މަގްސަދަކީ، ޒާތީ ތައައްސުބް އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެފަދަ ކަންކަން މަދު ފަރާތްތަކުން ކުރަމުން ގެންދިއަ ނަމަވެސް ޖުމްލަކޮށް މީޑިއާގެ ވަސީލަތްތަކުން ޒިންމާދާރު ނޫސްވެރިކަމެއް ކުރަމުން ގެންދާކަން އެމްޓީސީސީ އިން ފާހަގަކުރެއެވެ. އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމު ވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައ،ި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް، ހަގީގަތާ ހިލާފު ދޮގު ހަބަރު ނުފެތުރުމަށް އެ ކުންފުނިން ވަނީ "ދިޔަރެސް" ނޫހަށް އިލްތިމާސް ކޮށްފައެވެ.