ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން, އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ، ރަސްގެފާނު އަދި ވަލީއަހުދުގެ ނަންފުޅުގައި ޑރ. މުއިއްޒަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި ރާއްޖެ އަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް ވެސް ރަސްގެފާނު އެދިވަޑައިގެންފައި ވެއެވެ.

މީގެ އިތުުރުން ދިވެހިރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މެޓްރިކް އަލް ދޮސާރީ ވެސް ވަނީ ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާ، މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ޑރ. މުއިއްޒަށް ކާމިޔާބު ދެއްވުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ސައުދީއަރަބިއްޔާއާ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައި ވެއެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

ދެވަނަ ބުރުގައި މި ތަފާތު ބޮޑުކުރައްވައި 19،291 ވޯޓުން މުއިއްޒު ކުރި ހޯއްދަވާފައި ވާ އިރު މިއީ ވާދަވެރި އިންތިހާބެއްގައި ބޮޑު ކޯލިޝަނަކަށް ނުވާ ކޯލިޝަނަކާއެކު އެކަނި އެއް ކެންޑިޑޭޓަކު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވި އިންތިހާބެވެ. ދެވަނަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީ އާ ކޯލިޝަން ހެދީ 2000 ވޯޓު ހަމަ ނުވާ އެމްއެންޕީންނެވެ.

ސައުދީ ރަސްގެފާނުގެ އިތުރުން ސްރީލަންކާ އާއި ޕާކިސްތަން އާއި ޗައިނާ އާއި އެމެރިކާގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވެސް ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.