ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އަދި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމުގެ އަޑުފެތުރެން ފަށައިފިއެވެ.

ބަތަލާ އަނުޝްކާ ދެވަނަ ދަރިއަކަށް ބަލިވެ އިން ކަމަށް އިންޑިއާގެ ގިނަ ނޫސްތަކުން ބުނި ނަމަވެސް ދެމީހުންކުރެ އެކަކުވެސް އެކަން ކަށަވަރުކޮށްދީފައެއް އަދި ނުވެއެވެ. އީޓައިމްސް އިން ބުނީ އަބަދުވެސް ފިރިމީހާ ވިރާޓްގެ ކްރިކެޓް މެޗުތަކަށް ދާ އަނުޝްކާ ފަހަކަށް އައިސް މެޗުތަކުން ނުފެންނަނީ އޭނާ ބަލިވެ އިނުމުން ކަމަށާއި ފުރަތަމަ ދުވަސްކޮޅު ކަމުން އަނުޝްކާ ގޭގައި އަރާމު ކުރަނީ ކަމަށެވެ. އަދި ބަނޑުބޮޑުވެ، ފުރަތަމަ ދުވަސްކޮޅަކީ ވަރަށް ނާޒުކު ދުވަސްކޮޅަކަށްވުމުން ބޭރުތެރެއިން ވެސް އަނުޝްކާ މިދުވަސްކޮޅު ނުފެންނަ ކަމަށާއި ދުވަސްކޮޅެއްފަހުން ބަލިވެއިންކަން ހާމަކުރާނެ ކަމަށްވެސް އީޓައިމްސްއިން ބުނެއެވެ. އަދި ބޭރުތެރެއިން ބަތަލާ ނުފެންނަނީ ޕަޕަރާޒީންގެ ކުރިމައްޗަށް ނާރާށެވެ.

"ހެޑް އެންޑް ޝޯލްޑާ" ޝޭމްޕޫ އިޝްތިހާރަކުން ދެމީހުން ދިމާވެ އެކުވެރިންނަށް ދެމީހުން ވިއެވެ. އޭގެފަހުން ލޯބީގެ ގޮތުން ވިރާޓް އާއި އަނުޝްކާ ގުޅުނެވެ. ގިނަ އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު، ވިރާޓް އާއި އަނުޝްކާ ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އޭގެފަހުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު އެމީހުންނަށް ވަނީ ފުރަތަމަ ދަރިފުޅު ލިބިފައެވެ. ދެމީހުންނަށް އެފަހަރު އަންހެން ކުއްޖެއް ލިބުނުއިރު އެކުއްޖާ އަށް ދިން ނަމަކީ ވަމިކާއެވެ. އޭނާ އަށް މިހާރު ދެ އަހަރެވެ.

2008 ވަނަ އަހަރު ޝާހްރުކް ޚާން އާއެކު ބޮލީވުޑަށް ތައާރަފްވި އަނުޝްކާ އެންމެ ފަހުން އޮން ސްކްރީނުން ފެނިގެންދިޔައީވެސް އެކްޓަރު ޝާހު އާއެކު "ޒީރޯ" އިންނެވެ. ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ "ޗަކްދާ އެކްސްޕްރެސް" އެވެ. ނަމަވެސް މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއްނުވެއެވެ.