ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ބާތިލްވޯޓު ގިނަ ވުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލީ މީހުންގެ އަދަދު 87 ޕަސެންޓަށް ވުރެ މަތި ކަމަށެވެ. އެހެން ނަމަވެސް ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި ބާތިލް ވޯޓު ގިނަވުމަކީ އެ ކޮމިޝަނުގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ކަމުގެ ހައްލު ހޯދަވާދެއްވާނެ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެއް އިންތިހާބެއްގެ ތަޖްރިބާގެ އަލީގައި އަނެއް އިންތިހާބުގައި ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނޭ ގޮތަށް ކަންތައްތައް ތަރުތީބުކޮށް އިސްލާހް ކުރުމަށް އީސީގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ހަބީބް ފާހަގަ ކުރެއްވިއެވެ.

ހަބީބް އިތުރަށް ވިދާޅުވީ ބަޖެޓްގެ ތާށިކަން ކުރިމަތިވާތީ އެންމެ ފުރިހަމައަށް، އެންމެ ބާރު ސްޕީޑްގައި ކަންތައްތައް ނުކުރެވޭ ކަމަށެވެ. އަދި އެންމެ އެކަށީގެންވާ ގާބިލް އޮފިޝަލުން ނުލިބުމަކީ ވެސް އޮތް ގޮންޖެހުމެއް ކަމަށެވެ.

އީސީގެ ޓީމަކީ ގޮންތަކާއެކުވެސް ނަޒާހަތްތެރިކަން އިސްކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބު އަދާކުރުމުގައި އެފަދަ ދެވަނައެއް ނެތް ހުނަރުވެރި ގާބިލް ޓީމެއް ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވަގުތީ ނަތީޖާ އީސީއިް ރޭ އާންމު ކުރަން ފަށާފައިވާއިރު ވަގުތީ ނަތީޖާ މިއަދު އިއުލާންކޮށް ނިމޭނެ ކަމަށާއި ވަގުތީ ނަތީޖާގެ ޖުމްލަ ނަތީޖާވެސް މިއަދު އިއުލާން ކުރެވޭނެ ކަމަށެވެ.