ފަހު ދުވަހާ ޖެހެންދެން ވެސް ދިވެހިރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ވޯޓު ލެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން ނުވަތަ ގައުމުގެ ރައީސަކަށް ވަޑައިގަންނަވާ ބޭފުޅަކު ނުވަތަ ސަރުކާރުން ފައިސަލްގެ އެއްވެސް އެހީތެރިކަމެއް ބޭނުން ވެއްޖެނަމަ ރައްޔިތުންނަށްޓަކާ އެކަން ކޮށްދެއްވާނެ ކަމަށެވެ.
ކޮންމެ މަގާމެއް ނުވަތަ ވަޒީފާއެއްގައި ހުންނެވި ނަމަވެސް ގައުމަށާއި ރައްޔިތުންނަށްޓަކައި ކުރެއްވެން އޮތް ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި ފަހު ދުވަހާ ހިސާބަށް ވެސް ހުންނަވާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަބަދުވެސް އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް ހެޔޮ ގޮތް ކަމަށާއި އެންމެ މުހިންމީ ގައުމު ކަމަށް އޭނާ ވިދާޅުވިއެވެ. ދެމި ހުންނަވާނީ ރައްޔިތުންނާއެކު ދިވެހި ގައުމަށް ހިދުމަތް ކުރެއްވުމުގައި ކަމުގައި އޭނާ ވިދާޅުވެފައި ވާއިރު އެކަމަށް ކުޑަކުޑަ ބަދަލެއް ވެސް ނާންނާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ގަބޫލު ކުރައްވަނީ ގައުމުގައި ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ހުރި ކަމަށާއި އޭނާއަށް ކުރެއްވިދާނެ ގިނަ ކަންކަން ހުރި ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި ގައުމަށް އެކަންކަން ކުރުމަށް އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓުކަން ކިތަންމެ ވަރަކަށް ވެސް ބޭނުންވެ ވަޑައިގެންނެވި ކަމަށް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.
ނައިބު ރައީސްގެ މަގާމުގެ ހުވާކުރުމުގެ ކުރިން ރައްޔިތުންގެ ކުރިމަތީގައި އަބަދުވެސް ވަފާތެރިކަމާ ތެދުވެރި ކަމާއެކު މަސައްކަތް ކުރެއްވުމަށް ވައުދު ވެވަޑައިގެންކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ މަސައްކަތް ކުރެއްވީ އިތުރު ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި ނޫން ކަމަށެވެ. މަސައްކަތް ކުރެއްވީ ލިބިވަޑައިގެންނެވި ދައުރުގައި ގާބިލުކަން ހުރި އެންމެ މަތީ ދަރަޖައަކަށް ކަމާ ގުޅުން ހުރިހާ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ވަކި މީހެއް ނުބަލާ ހިދުމަތް ކޮށްދެއްވުމަށް ކަމަށެވެ.
އެއް ދައުރަށް ހޮވޭ މީހަކީ އަނެއް ދައުރަކަށް ހޮވެން ޖެހޭނެ މީހެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ނިންމުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކުރެއްވުނު ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.