ދައުލަތުގެ އިސް ވެރިންނާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ މުސާރައަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ. މިގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ރަށްރަށުގެ ކައުންސިލަރުންގެ އުޖޫރަ ބޮޑުކުރުން ހިމެނެއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ހުށަހެޅި މި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، މަޖިލީހުގެ ނައިބު ރައީސަށް ލިބިވަޑައިގަންނަވާ މުސާރައާ އަޅާބަލާއިރު އުއްތަމަ ފަނޑިޔާރާއި މަޖިލިސް ރައީސްގެ މުސާރަ އެއް ހަމައެއްގައި ހުރުމަކީ އެކަށީގެންވާ ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން އެ ދެ މަގާމުގެ މުސާރަ ވެސް މަހަކު 95،125 ރުފިޔާއަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

މި ބަދަލުތައް މަޖިލީހުގެ ތަޅުމުން ފާސްކުރީ ސަރުކާރު ހިންގާ ޕާޓީގެ އަގުލަބިއްޔަތުންނެވެ. އެގޮތުން މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރަން 42 މެންބަރުން ވޯޓު ދެއްވި އިރު، އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރުމަށް 40 މެންބަރަކު ވަނީ ތާއީދުކުރައްވާފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ވަނީ މި ދެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

މީގެ އިތުރުން ވަޒީރުންގެ އެލަވަންސްތަކަށް ވެސް މަޖިލީހުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކާރުކޮޅުގެ ތެލުގެ ހަރަދާއި ޑްރައިވަރުންގެ އެލަވަންސަށް ބަލައި، ކޮންމެ މިނިސްޓަރެއްގެ މުސާރައަށް 17،000 ރުފިޔާ އިތުރުކުރުމަށް ވަނީ ހަމަޖައްސާފައެވެ.

މިއަދުގެ ޖަލްސާގައި ލާމަރުކަޒީ ދާއިރާގެ އުޖޫރައަށް ގެނައި ބަދަލުތަކަށް ބަލާއިރު، ރަށު ކައުންސިލްތަކުގެ ރައީސުންނަށް 30،500 ރުފިޔާ، ނައިބު ރައީސުންނަށް 25،000 ރުފިޔާ އަދި އާންމު މެންބަރުންނަށް 23،000 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.