ގައުމީ ވަރުގަދަ މަސައްކަތުގައި މާދަމާއަކީ މުސްތަގުބަލު ކަނޑައަޅާ ދުވަސް ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތް ނިންމުމަށް މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުން ނިންމާލުމަށް އާޓިޕިޝަލް ބީޗުގައި ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ މާދަމާ މުސްތަގުބަލު ކަނޑައަޅާ ދުވަސް ކަމަށާއި މި ތިބީ ވަރަށް ގިނަ ދުވަސްތަކެއްގެ ގައުމީ ވަރުގަދަ މަސައްކަތެއްކޮށް، މާދަމާ ގޮތް ނިންމާ ހިސާބަށް އައިސްފައި ކަމަށެވެ. އަދި ގައުމުގެ ހާލަތު އޮތް ގޮތުން އެއީ ވަކި ޕާޓިއެއްގައި ހުރުމުގެ ސަބަބުން ހިޔާލުތަފާތުވާ ވަރަށް ވުރެ ސާފުކޮށް ފެންނަން އޮތް ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެ އެއްވުމުގައި އެމްޑީޕީގެ މީހުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މީހުން ތިބިކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންގެ ގާތަށް ވަޑައިގަތީ ދިވެހި ރައްޔިތުނަށް ހަމަހަމަކަމާއެކު އިންސާފުވެރި އަދުވެރި ވެރިކަމެއް ކޮށްދިނުމަށްޓަކައި ކަމަށާއި އެ މީހަކު ހުރި ޕާޓީއަކީ ކޮންމެ ޕާޓީއަކަށްވިޔަސް އެ އެއީ މައްސަލައެއް ނޫން ކަމަށާއި ބޭނުމީ ހަމަޖެހުން ގެންނަން ކަމަށެވެ
މުއިއްޒު ވިދާޅުވީ އިތުރުބާރުކޮށް ޒިންމާ ހަވާލުކޮށްފިނަމަ އަނިޔާވެރިކަން ތާއަބަދަށް ނިމުމަކަށް ގެންނާނެ ކަމަށާއި އިންސާފުވެރިކަން އެއީ ހަމައެކަނި ދައްކާލާ ވާހަކައަށް ނުވެ ހަގީގީ މާނާގައި ސަރުކާރު ހިންގުމުގެ ތެރެއިން ރައްޔިތުންނަށް އިހުސާސްވާ ހަގީގީ ކަމަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި އަދުލުވެރިކަމަކީ އަބަދު ދައްކާ ވާހަކައެއް ނުވަތަ ފޮތެއްގައި ލިޔެވޭ އެއްޗެއްގެ ބަދަލުގައި ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ރައްޔިތަކާމެދުވެސް ކަންކަން ކުރަނީ އަދުލުވެރިކަމާ އެކުގައޭ ބުނަން ކެރޭ ވަރުގެ ސަރުކާރެއް ގާއިމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިނިވަންކަން މިއަދު މިއޮތް ހިސާބުން މާދަމާ ނިންމާ ނިންމުން ގައުމުގެ މުސްތަގުބަލު ކަނޑައަޅާ ނިންމުން ކަމަށާއި ގައުމުގައި މިއަދު އަމިއްލަވަންތަކަން އަމިއްލަބާރުވެރިކަން ނެތިގެން ގޮސް މުސްތަގުބަލު ތާއަބަދަށް ބަނަބުމާ ހިސާބަށް ވަނީ ގޮސްފައި ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެއް ސިޔާސަތަކީ ހާރިޖީ ސިޔާސަތު ދިވެހިންނަށް ފަހިވާގޮތަށް ބައްޓަންކުރުން ކަމަށާއި މި ގައުމުގައި ތިބޭނީ ދިވެހި ސިފައިން ކަމަށާއި ބޭރު ސިފައިނެއް ނުތިބޭނެ ކަމަށެވެ. އަދި ބޭރު ސިފައިން ތިބުން ނިމުމަަށް ގެނެސްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ މީގެ ކުރިންވެސް ދެއްކެވި ގެދޮރުވެރިކަން ފޯރުކޮށްދެއްވާނެ ވާހަކައާއި ވަޒީފާއިން ވަކިނުކުރާނެ ވައުދުތައް ތަކުރާރުކުރައްވާފައެވެ. އަދި މަޝްރޫއުތައް ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަގީން ކަންވެސް މުއިއްޒު ވަނީ ދެއްވާފައެވެ.
މުއިއްޒު ވިދާޅުވީ ކޮންމެ މީހަކީ ގައުމު ދެކެ ލޯބިވާ މީހަކަށްވާން ޖެހޭނެ ކަމަށާއި ހިތާއި ސިކުނޑި ގައުމަށްޓަކައި ފަހުރުވެރިވާ ފަދަ ބަޔަކަށް ނުވާހިމދު ކިތަންމެ މާއްދީ ތަރައްގީ ގެނެވުނަސް މުސަތްގުބަލު އުޖާލާއެއް ނުވާނެ ކަމަށެވެ. އަދި ދިވެހިންގެ ރާއްޖޭ މިނިވަންކަމާއެކު ތާއަބަދަށް މިނިވަން ގައުމަކަށް ހަދައިދެއްވާނެ ކަމަށް މުއިއްޒު ވަނީ ޔަގީންކަން ދެއްވާފައެވެ.