އިދިކޮޅު ޕީއެންސީ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ދިރިއުޅުއްވި ގޭގާއި މެއިޑް ދަންޖެހުނު ވާހަކަތަކާއި މުއިއްޒުގެ ދޮންމަންމައާ ގުޅުވާ ދައްކަމުންދާ ވާހަކަތަކަށް ސާޖިދާ ރައްދު ދެއްވައިފިއެވެ.
ސާޖިދާ މިހެން ވިދާޅުވީ މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދ އަތޮޅަށް ކުރެއްވި ދަތުރެއްގައި ދ. މީދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު އާއި ސާޖިދާ ދިރިއުޅުއްވި ގޭގައި ގެންގުޅުނު މެއިޑް ދަންޖެހިގެން މަރުވީ 2012 ގެ ތެރޭގައި ކަމަށް ވާއިރު އެކަމާ ގުޅިގެން ވާދަވެރިން ދަނީ އެކި ގޮތްގޮތަށް އެ ވާހަކަތައް ދައްކަމުންނެވެ. އަދި މުއިއްޒުގެ ދޮންމަންމައާ ގުޅުވާ "އަދަދު" ނޫހުގައި ޝާއިއުކުރި ރިޕޯޓާ ގުޅުވާވެސް ގިނަ ބަޔަކު އަންނަނީ އެތައް ވާހަކައެއް ދައްކަމުންނެވެ.
އެކަމާ ގުޅިގެން ޝާޖިދާ ވިދާޅުވީ މެއިޑްގެ ވާހަކަ ދައްކާ ކަމަށާއި މަރާލި ވާހަކައާއި ޒިނޭގެ ތުހުމަތު އަޅުވަމުންދާ ކަމަށެވެ. އަދި އެކަމަކީ މުޖުތަމައުގައި ވެސް ބަލާލަން ޖެހޭ ކަމެއް ކަމަށާއި މީހެއްގެ އަބުރު ކަތިލުމުގައި ވެސް ހައްދެއް އޮންނަ ކަމަށާއި އެ ލެވެލްއަށް ދިއުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އެ މައްސަލަ ފޮލިހުގެ އިންވެސްޓިގޭޝަނަށް އެނގޭނެ ކަމަށާއި އެ ދުވަހު އެ މީހާ ދަންޖެހުނު ސަބަބުވެސް ބަލައިފިނަމަ ސާފުވާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
އެ މެއިޑްގެ ފިރިއެއް ހުންނަ ކަމަށާއި ފިރިމީހާ ވެސް ނިދީ އެ ގޭގައި ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެ ފަދަ ވާހަކައެއް ދައްކާތީ ވަރަށް ހިތްދަތިވާ ކަމަށާއި އެ ވާހަކަތައް ދައްކަނީ ހަގީގަތާ ހިލާފަށް މީހެއްގެ އަބުރު ކަތިލަން ކަމަށް ސާޖިދާ ވިދާޅުވިއެވެ.
ފެތުރެމުންދާ ދޮންމަންމަގެ ވާހަކައާ ގުޅިގެން ސާޖިދާ ވިދާޅުވީ އެ ކަމަކީ އާއިލީ ކަމެއް ކަމަށް ވާތީ އެ ވާހަކަ ދައްކަވަންވެސް މުއިއްޒު ބޭނުންވެ ވަޑައިނުގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް މުއިއްޒުގެ ދިފާއުގައި އެ ވާހަކަ ދައްކަވަން މަޖުބޫރު ކަމަށް ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ މުއިއްޒުގެ ބައްޕަ ނިޔާވުމަށްފަހު ދޮންމަންމަ އެދުނު ގޮތަށް ތަރިކައިގެ މައްސަލަ ނިންމި ކަމަށާއި ދޮންމަންމަ އެދުނީ އެންމެ ގޮތެއް ކަމަށާއި އެއީ ލަންކާގައި ހުރި ހުރިހާ އެެއްޗަކާއި ބެންކް އޮފް ސިލޯންގައި ހުރި ހުރިހާ ފައިސާ ދިނުމަށް ކަމަށެވެ. އަދި އެއީ ދީނުގައި ތަރިކަ ބަހަން އޮންނަ ގޮތް ނޫންކަން ފާހަގަ ކުރައްވާ ސާޖިދާ ވިދާޅުވީ މުއިއްޒު ދޮންމަންމަ ބުނި ގޮތަށް އެ އެއްޗެހި ދީ، ކޯޓުން މައްސަލަ ނިންމާފައިވާ ކަމަށެވެ.
ސާޖިދާ ވިދާޅުވީ ކެންޑީގައި ހުރި މުއިއްޒު ބައްޕަގެ ގެސްޓު ހައުސްއާއި ކޮލަމްބޯގައި ހުރި ގެސްޓުހައުސްއާއި ކޮލަންބޯގައި ގަނޑުވަރެއްހެން ހަދާފައި ހުރި ގެ ވެސް ދިނީ ދޮންމަންމައަށް ކަމަށެވެ. އަދި މުއިއްޒުގެ ބައްޕަ ނިޔާވުމުން ލަންކާއަށް ދިއުމަށްފަހު ދޮންމަންމަ އެދުމަށް 8 ލައްކަ ރުފިޔާ ހަރަދުކޮށް، ބައްޕަގެ އެ ގޭގެ ޓެރަސްގައި އިތުރު ކޮޓަރިއެއް ހަދައިދިނީ މުއިއްޒުގެ އަމިއްލަ ހަރަދުގައި ކަމަށް ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ މި ވަރުގެ ކަމެއްގައި ދޮގު ވާހަކަ ފެތުރިއިރު އެ ވާހަކަތައް ދައްކާފައި ވަނީ އެއް ފަރާތުން ކަމަށާއި ހަމައެކަނި ދައްކާފައި ހުރީ މުއިއްޒަށް ލިބުނު ތަކެތީގެ ވާހަކަ އެކަނި ކަމަށެވެ. އަދި އެއީ މީހުންގެ އަބުރު ކަތިލަން ކުރާ ކަންތައްތައް ކަމަށާއި މުއިއްޒުގެ ހައްގުއޮތް އެއްޗެއް ދޫކޮށްލީ ބައްޕަގެ އަނބިމީހާ ކަމަށް ވީތީ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ އިނދެގެން އުޅޭ މީހަކު މަރުވުމަށް ފަހު ވަކި މުއްދަތެއްގެ ތެރޭގައި ބޭރު މީހާގެ ވިސާ ކެންސަލްވާ ކަމަށާއި އެކަމަކީ އެ ބޭފުޅުންނަށްވެސް ކުރިން ނޭނގި އޮތް ކަމެއް ކަމަށެވެ. ކޯޓުގައި އޮތް މައްސަލަ ނިމެންދެން ދޮންމަންމަ ހުރީ މާލޭގައި ކަމަށާއި މާލޭގައި ހުރީ ގަވާއިދާ ހިލާފަށްކަން އެނގުނީ އެއާޕޯޓަށް ދިޔަ ފަހުން ކަމަށާއި ވަކި މުއްދަތެއްގެ ތެރޭގައި އޮޓޯއިން ވިސާ ކެންސަލްވާކަން އެނގިވަޑައިގަތީ އެ ދުވަހު ކަމަށް ސާޖިދާ ވިދާޅުވިއެވެެ.
ސާޖިދާ އިތުރަށް ވިދާޅުވީ ދޮންމަންމަ ރަނގަޅު ގޮތުގައި ފުރައިގެން ދިޔައީ މުއިއްޒު މެދުވެރިވެގެން ނިކުންނަން ފުރުސަތު ލިބުން ކަމަށެވެ.
ދެން މިފަހަރު އެނގިދާނެތާ އަނިޔާވެރިވަނީ ކާކުކަން ވަގަކީ ކާކުކަން ދޮގުހަދަނީ ކާކުކަން ރައިއްޔަތުން ހާލުގާ ޖެއްސީ ކާކުކަން، ގައުމު ދަވާލީ ކާކުކަން ރައިއްޔަތުން ތާއީދުކުރަނީ ކާކަށްކަށް ބަނގުރަލާ މަސްތުވާތަކެތީން ގައުމު ބަރާކުރީ ކާކުކަން ލާދީނިއްޔަތަށަ ސަޕޯޓުކުރަނީ ކާކުކަން ބޭއިންސާފުން މީހުނަށް ހައްގުނޫން ޖަޒާދީ އަނިޔާކުރަނީ ކާކުކަން ޢައްދާރަކީ ކާކުކަން ނާގާބިލުމީހަކީ ކާކުކަން ގައުމަށް ޚިޔާނާތްތެރިވީ ކާކުކަން ގައުމު ބަނގުރޫޓުކުރީ ކާކުކަން ގައުމު ދަރުވާލާ ގައުމު އަޅުވެތިކޮށް ގައުމު އަނދަވަޅަކަށް ވައްޓާލީ ކާކުކަން ވެސް.