ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓުތައް މަކަރާއި ހީލަތުން ވިއްކިކަމުގެ ތުހުމަތު ކުރާ އެ ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ)، ހަންބޯ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރުމުން އެކަން ބަދަލު ކޮށްދިނުމަށް އެދި އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އަމުރު ދެވެން ނެތް ކަމަށް ނިންމައިފިއެވެ.

މަމްދޫހުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ މަމްދޫހުގެ ހިއްސާ އޮންނަ ބޭރުގެ ކުންފުންޏެއް ކަމަށްވާ ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން އޭނާ ވަކިކޮށް އިތުރު މީހަކު ބޯޑަށް އައްޔަން ކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި މައްސަލައިގެ ވަކި ގޮތެއް ކަނޑައެޅެންދެން އެ ކުންފުނިން އެއްވެސް ފަރާތަކާ އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް އަދި މާލީ ތަކުލީފެއް އުފުލަންޖެހޭ ފަދަ މުއާމަލާތެއް ނުކުރުމަށް އަމުރު ކޮށްދިނުމަށް ވަނީ އެދިފައެވެ.

އަމުރު ނެރެ ނުދީފިނަމަ ޑިރެކްޓަރުންގެ މަގާމުގައި ތިބި ދެ ބިދޭސީން ބޯޑު ހިސޯރުކޮށް ކުންފުންޏަށް އިތުރަށް ދަތި ކުރުވާނެ ކަމުގެ ބިރު އެބައޮތް ކަމަށް މަމްދޫހުގެ ފަރާތުން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ކޯޓުން ނިންމީ އަމުރު ނެރެދޭންވީ ސަބަބެއް ފެންނަން ނެތް ކަމަށެވެ.

އެ މައްސަލާގައި މީގެ ކުރިން މަމްދޫހު ހައްޔަރުކޮށް އޭނާ ދުކޮށްލާފައި ވަނީ ހުއްދަ ނުހޯދާ މާލެއިން ބޭރަށް ނުދެވޭ ގޮތަށެވެ. އަދި މީގެ ކުރިން މަމްދޫހުގެ ޕާސްޕޯޓް ހިފަހައްޓާފައި ވާއިރު ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓް ދޫކޮށްލާފައެވެ. އެހެންނަމެވެސް އެއީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ނިންމާ މަމްދޫހުގެ ޕާސްޕޯޓް ހިފަހައްޓަން ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ކޭޕާކް ފްލެޓްތަކުގެ މަޝްރޫއު ހިންގަން އާބަންކޯ އިން ހަންބޯ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޮކްޓޯބަރު 9، 2016 ގައެވެ. އަދި މަސައްކަތްތައް ފަށާފައި ވަނީ 2017 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން އެ އެއްބަސްވުން އުވާލީ ކަމަށް، ހަންބޯ އިން ބުނެފައި ވެއެވެ.

އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހޭ އިދާރާތަކަށް ހިނގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓްތައް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް ވެސް އައްޔަން ކޮށްފައި ވެެއެވެ.

މި މައްސަލައާ ގުޅިގެން އާބަންކޯގެ މުވައްޒަފު އަބްދުލް ނާފިއު މުހަންމަދު ސަސްޕެންޑް ކޮށްފަިއވާ އިރު، އަދިވެސް ފުލުހުން ދަނީ ޖިނާއީ ތަހުގީގު ހިންގަމުންނެވެ. އެ މައްސަލާގައި މަންޑޭ ކުރިން ހައްޔަރު ވެސް ކުރިއެވެ. އަދި ދެފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު ހުޅުމާލޭ ކޯޓުން ދާދިފަހުން ވަނީ ޝަރުތުތަކާ އެކު އޭނާ ވަނީ ދޫކޮށްލާފައެވެ.