ކޭ-ޕާކާއި 'ދަ ގާޑަންސް' އިން ފްލެޓް ގަންނަން ފައިސާ ދިން ފަރާތްތަކަށް މި ސަރުކާރުން ފްލެޓް ނިންމާ ދެއްވާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން މާލޭގައި ބޭއްވި ކަންމަތި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޭރު ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރެއްވި މަސައްކަތްތައް ދެކޮޅު ނުޖެހި ރައްޔިތުން މަގުމަތިވެފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ ގިނަ މަޝްރޫއުތައް ރައްޔިތުނަށް ބޮޑު އުނދަގުލަކަށްވި ކަމަށް ވިދާޅުވެ ކުރީގެ ސަރުކާރަށް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ސީލައިފްގެ މައްސަލަ، ޖާހު ގާޑަން ކިޔާ ތަނަކަށް އިމާރާތްކޮށްފައި ހަވާލު ކުރަން ބުނި ފްލެޓްތަކުގެ ވާހަކަ، ކޭ ޕާކުގެ މައްސަލަ ގާކޮއްޓާއި އަރަބިއްޔާގައި ހުރި ފްލެޓްތަކަށް ހަދާފައި ހުރި ގޮތް. މިހުރި ހުރިހާކަން މީ ރައްޔިތުންނަށް ހުރި ބޮޑު އުނދަގުލަކާ ކުރިމަތިލާންޖެހުނު ކަމެއް." ރައީސް ވިދާޅުވިއެވެ. އަދި މި ހުރިހާ މަޝްރޫއު ތަކަކުން ވެސް ރައްޔިތުންނަށް ކުރިމަތިލާން ޖެހުނީ އުނދަގޫތަކަކާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ސީ ލައިފްގެ މައްސަލައިގައި ވެސް އެތަން ހެދުމަށްޓަކައި އެޑުވާންސްކޮށް ފައިސާ ދެއްކި ނަމަވެސް ވީ ނުވީއެއް ނޭނގުނު ކަމަށާއި އެ ފައިސާ ސަރުކާރުގެ މާލިއްޔަތުން ނަގައި އެޗްޑީސީއަށް ހަވާލުކޮށް ފްލެޓް ލިބޭ ފަރާތްތަކަށް އެކަންތައް ހަމަޖައްސާދެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ހުރިހާ މައްސަލަތަކަށްވެސް މި ސަރުކާރުން ހައްލު ހޯދައިދެމުން އަންނަ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭ އާބަންކޯއިން އެތަން ނިންމައި އެތަނަށް ފްލެޓް ދޭން ލިޔުންދީފައި އޮތް ހުރިހާ ފަރާތްތަކަށް އެ ފްލެޓްތައް އަޅުގަނޑުމެން ހަވާލުކޮށްދޭނަން."
ރައީސް ސޯލިހު

ހަމައެފަދައިން ކޭޕާކުގެ މައްސަލައިގައި ވެސް ރައްޔިތުންގެ އަތުން ގިނަ ފައިސާތަކެއް ނެގުމަށްފަހު އެފަރާތްތަކަށް ފްލެޓް ނުދޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ފްލެޓްތައްވެސް ދީފައި ހުރީ، ކުރީގެ ސަރުކާރުން ރިސޯޓު ހަދަން ރަށްތައް ދޫކުރި ގޮތަށް ކަމަށް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. އެ ފްލެޓްތަކަށް ފައިސާ ދެއްކި ފަރާތްތަކަށް، ޝަރީއަތް މެދުވެރިކޮށް ފައިސާ އަނބުރާ ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުން ފްލެޓް ދީފައި ވަނީ، ދޭން ނިންމި އަގަށްވުރެ ބޮޑުކޮށް ކަމަށާއި އެކަން ކުރެއްވާފައިވަނީ ވެސް ޕީއެންސީ ކެންޑިޑޭޓު އަދި މާލޭގެ ސީޓީ މޭޔަރު، ޑރ. މުހައްމަދު މުހިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޖާހުގެ ގާޑެންސް ފްލެޓްތަކާއި ބޭރު ބައެއްގެ ހިއްސާ އޮންނަ ކުންފުންޏަކުން ހަދަމުންދާ ކޭ-ޕާކް ފްލެޓްތައް ވަނީ ގިނަ އަހަރުތަކެއް ވެގެންދިޔައިރުވެސް ނުނިމިފައެވެ. ފްލެޓް ގަތް ފަރާތްތަކަކަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވަމުންދާއިރު ކޭޕާކުން އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިގަން ފެށުމުންނެވެ. އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.