މުޅި މާރުކޭޓް ސަރަހައްދަށް ދިރުން ގެންނާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިހެން ވިދާޅުވީ މި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު އެމްޕީއެލް ސަރަހައްދަށް ވަޑައިގަތުމަށްފަހު މާރުކޭޓުތަކާއި ބާޒާރު މަތީގެ ފިހާރަތަކަށާއި އެ ސަރަހައްދުގެ ދޯނިތަކަށް އަރާ އެތަންތަނުގައި މަސައްކަތް ކުރާ މީހުންގެ ކަންބޮޑުވުން ތަކަށް ފަހުއެވެ.
މުއިއްޒު ވަނީ މަސް މާރުކޭޓުން މަހާއި ލޯކަލް މާރުކޭޓުންނާއި ދަތުރުވެރިންގެ މާރުކޭޓުން ވަޅޯމަހާއި މިރުސްފަދަ ތަކެތި ބައްލަވައިގެންފައެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ތަންތަނަށް ޒިޔާރަތް ކުރައްވާ ކަމަށާއި އެހެންނަމަވެސް ކެމްޕެއިން ފެށުނު ފަހުން އެ ސަރަހައްދަށް އެއްގޮތަކަށްވެސް ވަޑައިނުގަނެވޭ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ވަޑައިގަތުމުން ވަރަށް ބޮޑަށް ފެނިވަޑައިގަތީ ރައްޔިތުން ހެޔޮ ކުރިއެރުމެއް އަދި ބަދަލެއް ބޭނުންވާ ކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު ކުރިއަރައިގެން ދިއުމާއެކު މަސްވެރިންގެ އުފެއްދުންތަކަށް ހެޔޮ ކުރިއެރުމެއް އައިސް ވިއްކޭނެ ގޮތެއް މަސްވެރިން ބޭނުންވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެމްޕީއެލް ސަރަހައްދުތަކުގެ ހުރިހާ މަސައްކަތްތެރިންނަށް ރަނގަޅު ގޮތެއް ވާން އެބަ އެދޭ ކަމަށާއި ބާޒާރުމަތީގެ ވިޔަފާރި ވެރިންނަށްވެސް ރަނގަޅު އިގްތިސޯދީ ގޮތުން ކުރިއަރައިގެންދާނެ ގޮތެއް ވާނެ ކަމަށެވެ. އަދި ވަރަށް ގާތުން މިއަދު ކަންތައްތައް ތަޖުރިބާ ކުރެއްވުނީ ދުވަސްކޮޅަށް ފަހު ކަމަށާއި ހުރިހާ މަސައްކަތްތެރިންނަށް ވެސް އަދި ހުރިހާ ވިޔަފާރިވެރިންނަށާއި ހުރިހާ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަމަށް ރަނގަޅު ހައްލަކާއި ކުރިއެރުން ގެނެސް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެ ސަރަހައްދަށް ގެންގުޅުއްވާ ޕްލޭނަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ ފަރާތުން މަސްމާރުކޭޓް ހަދަން ނިންމާފައިވާ ކަމަށާއި އޭނާ ސަރުކާރާ ހަވާލުވެވަޑައިގެންފިނަމަ ސަރުކާރުން އިސްނަގައިގެން އެކަން ސިޓީ ކައުންސިލް މެދުވެރިކޮށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެއީ ވަރަށް ފުރިހަަމަ ޑިޒައިނަކަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެއްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެ މާރުކޭޓުގައި 4 ފަންގިފިލާ ހިމެނޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ދެ ފަންގިފިލާގައި ތަކުރާރީއާއި އެކި ބާވަތްތައް ހުންނަ މާރުކޭޓެއް ހިމެނޭނެ ކަމަށެވެ. އަދި މިހާރު ހުރި މަސްމާރުކޭޓު ވާނީ ޕާކިސް ސްޕޭސް ލިބޭ ވަރުގެ ބިލްޑިންއަކާއި ކޮމާޝަލް ސްޕޭސް އަކަށް ކަމަށާއި މުޅި އެ ސަރަހައްދަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ސަރަހައްދު، އާ ސޮޕިން އޭރިއާއަކަށް ބަދަލުވެ މުޅި ސަރަހައްދަށް ދިރުން އަންނާނެ ކަމަށެވެ. އަދި ޕާކިންއާ އެކީގައި ހައްލު ގެނެސް ދިރުމެއް ގެނެސް ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ. އެހެންނަމަވެސް އެކަން ކުރެވޭނީ 5 އަހަރަށް ބަހާލައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.