ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓޫ، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލު ކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.
އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ މަޖޫރީންގެ އިތުރުން ތަފާތު މަސައްކަތަށް ކުރާ ފަރާތްތަކާ ދިމާވެ، ކަންބޮޑުވުންތައްް ހިއްސާކޮށްފައިވާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތްތެރިންގެ ކަންބޮޑުވުން ތަކަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
އެގޮތުން މަސައްކަތުގެ މާހައުލާއި އިމާރާތުގެ ފެންވަރު ރަނގަޅު ކޮށްދިނުމުގެ އިތުރުން ޕާކިންގެ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލޭގައި އަދި އަތޮޅުތެރޭ ރަށެއްގައި ވިޔަސް ސިޔާސީ މަގާމްތަކުން ފިޔަވައި އެހެން އެއްވެސް މަގާމެއްގައި ވަޒީފާ އަދާ ކުރާމީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަން މުއިއްޒު ތަކުރާރުކުރައްވާފައިވާއިރު މަސައްކަތުގެ މާހައުލަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނެސް އިތުރު ވަޒީފާތައް އުފައްދާ އާމްދަނީ އިތުރުވާނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޕީއެލް ސަރަހައްދަށް ވަޑައިގަތުމަށްފަހު މުއިއްޒު ވަނީ ލޯކަލް މާރުކޭޓު އަދި މަސްމާރުކޭޓަށް ވަޑައިގެން އެ ތަނުގެ ކަންކަން ހުރިގޮތް ވެސް ބައްލަވާލައްވާފައެވެ. މުއިއްޒު ލޯކަލް މާރުކޭޓުން ބައެއް ތަކެތި ބައްލަވައިގެންފައިވާއިރު އޭނާ ވަނީ މަސް މާރުކޭޓަށް ވަޑައިގެން މަސް ވެސް ބައްލަވައިގެންފައެވެ. މަސްދޯނިތަކަށް އަރާވަޑައިގެން މުއިއްޒު މަސްވެރިންގެ ޝުއޫރުތަށް ވެސް ވަނީ ބައްލަވާލައްވާފައެވެ.
މުއިއްޒުގެ ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވަނީ މާލޭގައި ގާއިމްކޮށްފައިވާ ފުވައްމުލައް މެދު ދާއިރާ ޖަގަހަ، "ވަތަނީ ވިންދު" ޖަގަހަ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މަޝްރޫއު ލަވަކިޔުންތެރިޔާ އައްމަޑޭގެ އިތުރުން ގިނަ އަދަދެއްގެ މެންބަރުން ވަނީ ޕީޕީއެމްއަށް ގުޅިވަޑައިގެން ސެންބެއާ ފޯމް ހަވާލުކޮށްފައެވެ.
ދޯނިފަހަރަށް މުދާއަރުވާ ސަރަހައްދު ހިޔާކޮށްދިނުން ވަރަށް މުހިއްމު.އެކަން ކޮށްދެއްވާނެކަމަށް ޔަގީންކުރަން.