އައްޑޫ ނޭޗާ ޕާކަކީ އިގްތިސޯދީ ގޮތުން ފައިދާ ކުރާނެ ތަނަކަށް ހަދައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް އައްޑޫ ސިޓީއަށް މުއިއްޒު ކުރައްވާ ދަތުރުގެ ތެރެއިން ހިތަދޫ އުތުރު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ނޭޗާ ޕާކަކީ އިގްތިސޯދީ ގޮތުން ފުރިހަމަ ނަފާ ލިބޭ ތަނަކަށް ހަދައިދެއްވާނެ ކަމަށެވެ. އެގޮތަށް އެކަން ކުރުމަކީ އިގްތިސޯދީ ގޮތުން ރައްޔިތުން ފުދުންތެރި ކުރުވުމަށް އެޅޭނެ ފިޔަވަޅެއް ކަމަށާއި އިގްތިސޯދީ ގޮތުން ރައްޔިތުން ފުދުންތެރި ކުރުވުމަކީ މުއިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާ ވަރަށް މުހިންމު ކަމެއްކަން މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
ބަޔޮސްފިއާ ރިޒާވްއަކީ ވަކި ގޮތަކަށް ވަކި އުސޫލަކުން ބައިނަލްއަގްވާމީ މިންގަނޑަކަށް އޮންނަ އެއްޗެއްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ބަޔޮސްފިއާ ރިޒާވްއަށް ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަޝްވަރާތައް ހުންނާނެ ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަށް ކޮށް އެކަން ކުރެވޭނެ ގޮތް ގޮތް ހޯދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީގައި މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ބަޔޮސްފިއާ ރިޒާވްއަށް ބަދަލު ގެނައުމަކީ އެއީ ކުރެވޭނެ ކަމެއްތޯ ބަލާ އެކަން ވެސް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ވެރިކަމަކީ ވަރަށް ބޮޑު ޒިންމާއެއް އަދި ރައްޔިތުން އަދާ ކުރާ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރާނީ ރައްޔިތުން އެދޭ ކަންކަން ބަލާ، ރައްޔިތުން އެދޭ ގޮތަށް ކަންކަން ބައްޓަށްކޮށްގެން ކަމަށެވެ.
އެ ޖަލްސާގައި 100އަށްވުރެ ގިނަ މީހުން ވަނީ ޕީޕީއެމްއަށް ސޮއިކޮށް މެމްބާޝިޕް ފޯމް މުއިއްޒު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ)އަށް ހަވާލުކޮށްފައެވެ.