ތިލަފުށީގެ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ ހިނގި ހާދިސާ އާ ގުޅިގެން ތިން މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި 'ވާލިޔާ 7' ނަމަކަށް ކިޔާ ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، ފަޔާ އެންޑް ރެސްކިއު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ކަމަށެވެ.

އެ ދޯނި ފަޅުތެރެއިން ނެރުނު އިރު ވެސް، އަލިފާން އޭރު ނިއްވާނުލެވިވާ ކަން އެމްއެންޑީއެފުން މީޑިއާ އާ ހިއްސާކުރި ފޮޓޯތަކުން ހާމަވެއެވެ.

އެމްއެންޑީއެފްއިން ބުނީ މިހާދިސާގައި އެ ދޯނީގައި އެވަގުތު ތިބި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހާދިސާ އާ ގުޅޭ އިތުރު ތަފްސީލު ދެމުން އެމްއެންޑީއެފުން ބުނީ، 'ވާލިޔާ 7' ދޯނީގައި އަލިފާން ރޯވީ ދޯނީގެ އިންޖީނު ހުޅުވާލި ވަގުތު އަލިފާން ކަންޏެއް ބުރައިގެން ދިއުމުން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވިދޯނި ފަޅުން ބޭަރަށް ނެރެ އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން ދަނިކޮށް ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ދޯނީގައި ހުރި ތެޔޮ ޓޭންކުތައް ފެނުން މައްޗަށް އަރާފައިވާތީ، އެ ޓޭންކުތައް އެސަރައްދުން ނެގުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަންގެ ސިފައިން ފަށައިފާވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.