އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އާއި ދެކޮޅަށް އެންޓި ކެމްޕެއިން ކުރަން އުޅުނު ފަރާތްތަކަށް އެކަން ކާމިޔާބުނުވިކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި އިމްރާން ވިދާޅުވީ ރައީސް ސޯލިހްއަށް ގެއްލުންދޭން އިދިކޮޅުން އެންޓި ކެމްޕޭނަށް ނެރުނު ފަރާތްތަކުގެ މަސައްކަތުން ހާމަވީ އުތުރުތިލަފަޅުގައި ބޭރުގެ އަސްކަރީ ބޭސްއެއް ނެތްކަމެވެ. އަދި ހަނިމާދޫގައިވެސް އަސްކަރީ ސިފައިން ނެތްކަން ހާމަވެގެން ދިޔަ ކަމަށާ އެތަންތަނުން ފެނުނީ މަދަނީ ބޭނުމައް ތިބި ފަންނީ މުވައްޒަފުންކަމަށް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި ރާއްޖެއާއި އިންޑިއާ ދެމެދު ހަދަފައިވާ 'ސިއްރު' އެއްބަސްވުމާ ގުޅިގެން އެތަނުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭކަމަށާ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވާނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުން އަންނައިރު ދިވެހި ސަރުކާރުން އަންނަނި އެ ވާހަކަތައް ދޮގުކުރަމުންނެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރައީސް ސޯލިހް ވަނީ އެތަން ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތްކަމަށްވެސް ބުނެފައެވެ.
ރައީސްގެ މި ވާހަކަތަކާ ގުޅިގެން ދިޔަރެސްގެ ނޫސްވެރިން އުތުރުތިލަފަޅަށް އަރަން މަސައްކަތްކޮށްފައިވާއިރު މި މައްސަލަ އެމްއެންޑީއެފް އިން ވަނި ފުލުހަށް ހުށަހަޅާފައެވެ. މީގެ އިތުރުން އިއްޔެ ދިޔަރެސްގެ ނޫސްވެރިންވަނީ ހދ.ހަނިމާދޫގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ އެކަމާ ގުޅޭ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.