އެމްޑީއޭއިން ކޯލީޝަންއާ ފެޔަށް ޖެހުނެއް ކަމަކު މާޔޫސް ނުވުމަށް އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ތާއީދުކޮށް އެމްޑީއޭއިން މިދިޔަ ފެބްރުއަރީ މަހު ހެދި ކޯލިޝަން ރޫޅާލާ، އިދިކޮޅު ޕީއެންސީ ކެންޑިޑޭޓް އަދި މާލޭގެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ރޭ ނިންމުމާ ގުޅިގެންނެވެ.

ރޭ އެމްޑީއޭއިން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ކޯލިޝަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ހުށަހެޅީ އެމްޑީއޭގެ ކައުންސިލް މެންބަރު، މުހައްމަދު އައްބާސްއެވެ. އަދި އެ ހުށަހެޅުމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވަނީ ތާއީދު ކުރައްވާފައެވެ. މި ހުށަހެޅުމަށް 33 މެމްބަރުންގެ ތާއީދާއެކު ފާސްވިއިރު ދެކޮޅަށް ވޯޓު ދިނީ ދެ މެންބަރުންނެވެ.

ދެކުނު އަތޮޅުގެ ސިޓީތަކަށް މިހާރު ކުރައްވަމުންދާ ކެމްޕެއިން ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫއަށް ވަޑައިން އެމްޑީޕީގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެމްޑީއޭއިން ކޯލިޝަންއާ ފެޔަށް ޖެހުމުން އެމްޑީޕީގެ ސަޕޯޓަރުން މާޔޫސް ވެދާނެ ކަމަށާއި ނަމަވެސް އެކަމާ ކަންބޮޑުވެވަޑައި ނުގަތުމަށް އެދިވަޑައިގެންފައިވެއެވެ.

އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީއޭ އިން ބުރަ މަސައްކަތްތަކެއް ކޮށްދީފައިވާކަން ފާހަގަކޮށް އެކަން ކަމަށް އެމަނިކުފާނު ވަނީ ޝުކުރުވެސް އަދާ ކުރައްވާފައެވެ. އަދި އެމްޑީޕީގެ އުންމީދުތައް ވަރަށް ފޮނި އަދި އެހާމެ އުޖާލާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީއޭއިން އެ ނިންމި ނިންމުމަކީ އެއީ ރަނގަޅު ނިންމެއް ނޫންކަން ލަސްތަކެއްނުވެ ފެންނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އެބޭފުޅުންނަށް [އެމްޑީއޭ] ހެޔޮ ރަނގަޅު މުސްތަގް ބަލަކަށްވެސް އެދެން. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އުންމީދުތައް ވަރަށް އުޖާލާ ކަމަށެވެ. އެ ބޭފުޅުންގެ އެ ނިންމުވުން އަދި އެއީ ރަނގަޅު ނިންމުމެއް ނޫންކަމަށް ފަހުން ލަސްތަކެއް ނުވެ ފެނިގެންދާނެ."

ދިވެހިންގެ ތެރޭގައި ބުނެއުޅޭ މުހާވިރާ ބަހެއް އޮންނަ ކަމަށާއި "އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހިވެސް ހުންނާނެ" ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެކަމާ އެއްވެސް ވަރަކަށް ކަންބޮޑުވެ ވަޑައި ނުގެންނެވުމަށާއި އެމްޑީޕީއަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެންމެ ގިނަ ވޯޓާ އެކު، ދެ ވަނަ ބުރުގެ އިންތިހާބުގައި ވާދަކުރައްވަނީ މުއިއްޒާއި ރައީސް ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. ދެ ކެންޑިޑޭޓުންގެވެސް ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާ މި ދަނޑިވަޅުގައި ދެ ބޭފުޅުންވެސް މިވަގުތު ތިއްބެވީ ކެމްޕެއިނަށް ވަޑައިގެން އައްޑޫ ސިޓީގައެވެ.