ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު މީހުން ދެވަނަ ފިޔަވެހިން ގޯއްޗަށް އެދި ހުށަހަޅަން ބޭނުންވާ ނަމަަ، އެ ގޯތިން އެމީހަކު ވަކިވެ ވަކިން ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، ވިށްކަޅު ކަންމަތީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ގޯތީގެ ކަންކަމާ ގުޅިގެން ގިނަބައެއްގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެ ގޮތުން ޖޮއިންޓް އެޕލިކޭޝަން ގޮތުގައި ބިންވެރިޔާ ސްކީމްގައި ބައިވެރިވެ ގޯތި ލިބިފައިވާ މީހުންނަށް ފަހުން ހުޅުވާލި ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވައްސަށް ކުރިމަތިލެވޭނެ ކަަމަށެވެ. އެ ގޮތުން ދެވަނަ ފިޔަވަހީގައި ކުރިމަތިލާނަމަ ފުރަތަމަ ފިޔަވަހިން ދިން ގޯތިން އެމީހަކު ޖެހޭނީ ވަކިވާން ކަމަށާއި އެއަށް ފަހު ދެވަނަ ފިޔަވަހިން ސިންގަލް އެޕްލިކަންޓެއްގެ ގޮތުގައި ފޯމް ހުށަހެޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގޯއްޗާ ގުޅިގެން އާންމުން އޮޅުން ފިލުވަން ބޭނުންވެފައި ހުރި ބައިވަރު ކަންކަން ހުރިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހިން ގޯތި ލިބުނު އެންމެނަށް ރަޖިސްޓްރީ ހަވާލުކޮށް ނިންމާލެވޭނެ ކަމަށާއި ގިރާވަރު ފަޅު ވެސް ހިއްކައި ނިންމައި އެތަނުން ގޯތި ދީ ވެސް ނިންމާލެވޭނެ ކަމަށެވެ.
އެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ގޯތި ދިނުމަށް އަލަށް ހިއްކި ސަރަހައްދުތަކުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ދެއްވާނެ ކަމަށާއި ކަރަންޓު ލައި މަގުތައް ހަދައި ދެއްވާނެ ކަމަށެވެ. އެގޮތުން އެ ކަންކަން ކުރިއަށް އޮތް ދެ އަހަރުތެރޭ ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވެހި ހުޅުވާލައި މާލެއިން ބަންޑާރަ ގޯތި ދޫކުރަން އިއުލާން ކުރި އިރު، އެކަކަށް ވުރެ ގިނަ މީހުންނަށް ޖޮއިން ވެގެން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިކޮށް ދީފައެވެ. އެކަކު ހުށަހަޅާ ނަމަ 1250 އަކަފޫޓުގެ ގޯއްޗެއް ލިބޭ އިރު، ފޯމަކަށް ޖޮއިންޓްވެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓް އިތުރުވާ ގޮތަށް ހުޅުވާލި ބިންވެރިޔާ ސްކީމްގައި ޖޮއިންޓް އެޕްލިކަންޓުންގެ ގޮތުގައި ގިނަ ފޯމްތަކެއް ވަނީ ހުށަހަޅާފައެވެ.
އެގޮތުން ގޯތީގެ ވަގުތީ ލިސްޓް އިއުލާން ކުރި އިރު ގޯތީގެ ޝަރުތުހަމަވި ނަމަވެސް ބައެއް ފަރާތްތަކަށް ވަނީ ގޯތި ލިބޭ އާއިލާގެ އެހެން ފަރާތަކާ ގުޅިގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިފި ނަމަ ގޯތި ލިބޭނެ ކަމަށް ބުނެފައެވެ. އެހެންކަމުން ވަގުތީ ލިސްޓް އާންމު ކުރި ފަހުން ގިނަ ބަޔަކު ވަނީ ޖޮއިންޓް ވެގެން ފޯމް އަލުން ހުށަހަޅާފައެވެ.
މީހުން ޖަޒުބާތުގަ ޖައްސާން ދުވާލަކު އެއްޗެކޭ މި ކިޔަނީ. މީނަގެ ބުރާންތިކަމުން ނޭނގޭ ސަރުކާރެއްގެ އެންމެ މުހިންމު އަސާސް އަކީ ހަރުދަނާވުން ކަމެއް. ވަހުތާނެއްހެން އެނބުރެމުންދާ މީހަކަށް ވެރިކަމެއް ނުކުރެވޭނެ.
ބުރާންތި ވެގެންތަ ގޯތި އެދެނީ. ޝުކުރުކޮށް ބަލަ.