އެއްވެސް މީހަކަށް އަނިޔާވެރިވެ ނުވަތަ އެއްވެސް މީހެއްގެ ހައްގަކަށް އަރާވަޑައިގެންފައި ނުވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، "އަދަދު" ނޫހުގައި އޭނާގެ ދޮންމަންމައާ ގުޅުވާ ޝާއިއުކޮށްފައިވާ ހަބަރާ ގުޅިގެންނެވެ.

މުއިއްޒުގެ ވާހަކަތަކަށް ދޭނެ ރައްދެއް ނެތުމާއި ރައްޔިތުންނަށް ހުށަހަޅާނެ އެއްވެސް ކަމެއް ނެތުމުން ޒާތީގޮތުން އޭނާއާ ދިމާކުރަން ފަށާފައިވާ ކަމަށް ވިދާޅުވަމުން އެކަމަށް އެއްވެސް ފަރުވާލެއް ނެތް ކަމަށާއި ރަނގަޅީވެސް އެކަންކަން ކުރިއަށް ގެންދިޔައްޔާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ވާހަކަތައް ދައްކާ ފަރާތްތައް އޭރުން ރައްޔިތުންނަށް ފަޟީހަތްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ކަނބޮޑުވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާ ކަމެއް ނޯންނާނެ ކަމަށާއި ޖަބާބު ނުދެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އޭނާ އަކީ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރެއްވި ބޭފުޅެއް ނޫނޭ ކަމަށާއި ނުވެސް ކުރައްނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ؛ އަދި އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިގެންފައި ނުވާނެ ކަމަށް ވިދާޅުވެ އެވާހަކަތަކަށް މުއިއްޒު ވަނީ ރައްދު ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައި ނުގަންނަވާނެ ކަމަށާއި ގަބޫލުކުރައްވާ ހަމައަކީ އަދި ކަންކުރައްވާ ހަމައަކީ ކޮންމެ ދުވަހަކުވެސް ގެއަށް ވަޑައިގެން 'އަރާމުގައި ނިދާލެވެން ޖެހޭނެ ކަމަށާއި ހިތަށް ހަމަޖެހުން ލިބި އެއްވެސް މީހެއްގެ ހައްގަކަށް އަރައި ނުގަންނަކަން' ކަމަށެވެ.

މުއިއްޒު ވިދާޅުވީ ދުވަހަކުވެސް މީހަކަށް އަނިޔާއެއް އަދި ދެރައެއް ވެސް ދެއްވާފައި ނުވާނެ ކަމަށެވެ.

އެ ވާހަކަދައްކާ މީހުންނަށް މުއިއްޒު ވަނީ މައްސަލައެއް އޮތްނަމަ ރަސްމީ އިދާރާތަކުން ބަލަން އެދިވަޑައިގެންފައެވެ. އަދި އެފަދަ މައްސަލައެއް ބަލަންވާނީ އިންސާފުވެރިކޮށް އަދި ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ އަދުލުވެރިކަމާއެކު މިނިވަން ކަމާއެކު ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ މައްސަލަ ބަލައިފިނަމަ މާ ހިތްހަމަޖެހުން ލިބިވަޑައިގަންނަވާނެ ކަމަށާއި އެ ހަދާ ހުރިހާ ދޮގުތަކެއް ފަޟީހަތް ވާނެ ކަމަށެވެ.

އެފަދަ ވާހަކަތައް ދައްކަވަމުންދާތީ މުއިއްޒު ވިދާޅުވީ އެއީ ކެމްޕެއިން ކުރުުން ނޫން ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ގައުމުގައި ހަމަޖެހުން ގާއިމުކޮށް އަދުލުވެރިކަން ގާއިމުކުރުމާއެކު އަނިޔާވެރިކަން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށެވެ.

އަދި ކިތަންމެ ވަރަކަށް ޒާތީ ވާހަކަދެއްކިޔަސް ބޭރު ސިފައިން ނެތް ކަމަކަށް ނުވާނެ ކަމަށާއި ކިތަންމެ ވަރަކަށް ހަދަހަދައިގެން ވާހަކަދެއްކިޔަސް ކަނޑު ވިއްކާ ނުލާ ކަމަކަށް ވެސް ނުވާ ކަމަށާއި ކިތަންމެ ވަރަކަށް ދޮގު ވާހަކަ ފެތުރިޔަސް އިގްތިސޯދު އަނދަވަޅަކަށް ވައްޓާލާ، ވަކި ގައުމަކަށް އަޅުވެތިވެފައި ނުވާ ކަމަށް ވެސް ނުވާނެ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ ވެރިކަމުގައި ތިބި ފަރާތްތަކަށް ވަގުދަގަ ހަމަލާއެއް ދެއްވާފައެވެ.