ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މާލެ ސަރަޙައްދުން ފްލެޓް ލިބޭ ފަރާތެއް ނަމަ އެކަން ޕޯޓަލް އިން ފެންނަން ހުންނާނެ ކަމަށާއި އަދި ނުލިބޭ މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިއުލާން ކުރި ވަގުތީ ލިސްޓްގައިވާ ޝަރުތު ހަމަވެ، ފްލެޓް ލިބޭ ފަރާތްތަކާއި އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، ހުށަހެޅި ޝަކުވާތައް ބަލައި ޝަރުތު ހަމަވާ ފަރާތްތަކަށް ފްލެޓް ލިބޭކަން މިހާރު ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކަށް ވެސް ޝަރުތު ހަމަނުވާ ސަބަބު ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ޖަވާބު ދީފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޝަރުތު ހަމަނުވާ ފަރާތްތަކުގެ އިތުރު ޝަކުވާއެއް އޮތްނަމަ މިއަދުން ފެށިގެން ކުރިޔަށްއޮތް ދުވަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 20،697 މީހުން ކުރިމަތިލާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓުތަކަށް ކުރިމަތިލީ 14،489 ފަރާތަކާއި، ދެ ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލީ 6،208 ފަރާތެކެވެ.

މީގެ އިތުރުން ދާދިފަހުން ސަރުކާރުން ވަނީ އުތުރު ތިލަފަޅުން 4،000 ގޯތި ދޫކުރަން ނިންމައި، 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.