މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން މިއަދާ ހަމައަށް 61 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން މިހާތަނަށް ސިޔާަސީ ޕާޓީތަކުން 3 މައްސަލަ، އިލެކްޝަންސް ކޮމިޝަންގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން 4 މައްސަލަ، އަމިއްލަ ފަރުދުންގެ ތެރެއިން 26 މައްސަލަ އަދި ކާކުކަން ނޭނގޭގޮތަށް 28 މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 29 މައްސަލައެއް ރަޖިސްޓްރީކޮށް އެ ކޮމިޝަނުން މިާހރުވެސް ބަލަމުންދާ ކަމަށް ވެއެވެ. އެގޮތުން ކޮމިޝަނުގައި ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ތެރޭގައި، އިންތިހާބީ ރިޝްވަތާއި، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އެކި ވަސީލަތްތައް ބޭނުންކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް އިންތިހާބާ ދިމާކޮށް ގަރާޖު ސިޓީ އުވާލައި ޓެކްސީ ރަޖިސްޓްރީ ކުރަން 10,000 ރުފިޔާގެ ފީއެއް ނަގަން ހަމަޖެއްސުމާއި، އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000 ބޮޑުކުރުމާއި، ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް ކަނޑާލުމާއި، ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެލަވަންސެއް ދިނުމަށް ހަމަޖެއްސުމާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދިނުމަށް ނިންމުމާއި، ބިންވެރިޔާ ސްކީމާ ގުޅޭ އެކި މައްސަލަތައްވެސް ހިމެނޭ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އަދި ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބަލާ، މައްސަލަތައް ތަހުގީގުކުރުމަށް ކުރަންޖެހޭ ކަންކަން ކޮމިޝަނުން ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ. ހަމައެހެންމެ އޭސީސީން ބުނީ ކޮމިޝަނަށް ހުށަހެޅޭ ކޮމިޝަނުގެ އިހްތިސާސަށް ފެތޭ، އަދި އެކަށީގެންވާ މައުލޫމާތު ލިބޭ ގޮތަށް ހުށަހަޅާ ކޮންމެ މައްސަލައެއް ކޮމިޝަނުގައި ރަޖިސްޓަރީކުރަމުންގެންދާ ކަމަށެވެ.
ނަމަވެސް ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ރަޖިސްޓްރީ ނުކުރަން ނިންމައިފި ހާލަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގަވާއިދުގެ ދަށުން އެ މައްސަލައެއް ކޮމިޝަނުގައި އިސްތިއުނާފުކުރުމަކީ، އެ މައްސަލަ ހުށަހަޅާ ފަރާތަށް ލިބިދީފައިވާ ހައްގެއްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ރިޔަާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ދުވަސް ގާތްވަމުންދާއިރު، ކެންޕޭން ކުރުމާއި ވޯޓުލުމުގައި ނަޒާހަތްތެރިކަން އިސްކޮށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ އަމަލުތަކުން ދުރުހެލިވުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.