ރާއްޖެއިން އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދޭ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް އެ ހުއްދަ ދޫކުރާނެ ކަމަށެވެ. އަދި ހުއްދައަށް ހުޅުވާލުމުން މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކާއި، ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ޝަރުތު ހަމަވާ ކުންފުނިތަކަށްވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.

އެ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވަނީ 08 އޮކްޓޯބަރުން ފެށިގެން 24 އޮކްޓޯބަރު ނިޔަލަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ.

ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގައި ވަަގޮތުން އުމްރާއަށް މީހުން ގެންދިޔުމަށް ކޮންމެ އަހަރަކު ދެ ފަހަރު އިއުލާންކުރަން ޖެހެއެވެ. އެގޮތުން މިއީ މިއަހަރުތެރޭ އިއުލާންކުރެވޭ 2 ވަނަ ފަހަރެވެ.

އުމްރާގެ އަޅުކަން އަދާކުރާ އަންހެނުން ހެދުން އެޅުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކެއް ދާދި ފަހުން ވަނީ ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާ މިިިނިސްޓްރީ އިން އާންމު ކޮށްފައެވެ. އެ މިނިސްޓްރީ ބުނީ އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި އަންހެނުން އަޅާ ހެދުމަކީ ގަޔަށް ދޫ އަދި މުޅި ހަށިގަނޑު ނިވާވާ ހެދުމުކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެ ހެދުމަކީ ޒީނަތްތެރިކުރަން އެެއްވެސް އެއްޗެއް ބޭނުން ނުކުރާ ހެދުމަކަށް ވާން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެފައި ވެއެވެ.