ނަނަބޯޑު ބަދަލުކޮށްގެން ތިނަދޫ ސިޓީއަކަށް ނުހެދޭނެ ކަމަށާއި އަމަލީ ގޮތުން އެ ރަަށަށް ތަރައްގީ ގެނެސް ދެއްވައި ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު ތިނަދޫ ސިޓީއަށް ވަޑައިގެން އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވަނީ ފުރަތަމަ ބުރުގައި ތިނަދޫއިން ދެއްވި ތަރުހީބާއި މިއަދު ޕީޕީއެމްއަށް ގުޅިވަޑައިގެންނެވި އެ ރަށުގެ މީހުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ޔަގީން ވަނީ ތިނަދޫގެ ރައްޔިތުން ކުރަމުންދާ ބުރަ މަސައްކަތުން ދެވަނަ ބުރުގައި ފުރަތަމަ ބުރަށް ވުރެ މާ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަން ފާހަގަ ކުރައްވާފައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ޑރ. މުއިއްޒު ތިނަދޫއަށް ވަޑައިގެންފައިވާ އިރު، މުއިއްޒު ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސިޓީއަކަށްވުމުގައި މުހިންމީ ހިދުމަތް ދެވޭނެ ގޮތް އޮތުމުގެ އިތުރުން ތަރައްގީގެ ރާސްތާގައި ކުރިއެރުން ހޯދުމާއި އަދި ތަރައްގީގައި ކުރިއަށް ދިއުމުގެ ގާބިލުކަން އޮތުންކަން ފާހަގަ ކުރައްވާފައެވެ. ހަމައެއާއެކު އެ ދުވަހު މުއިއްޒު ވަނީ ވެރިކަން ލިބިއްޖެނަމަ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ތިނަދޫއަށް ވަޑައިގެން ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާ އެކަން އިއުލާން ކުރައްވާފައެވެ.

އެކަމާ ގުޅިގެން ވާހަކަދައްކަވަމުން މިއަދު މުއިއްޒު ވިދާޅުވީ، އިންތިހާބު ކައިރިވެފައި ވަނިކޮށް ތިނަދޫ ސިޓީއަކަށް ހަދާފައިވާ ކަމަށާއި ނަންބޯޑު ބަދަލުވިޔަސް ސިޓީއަކަށް އަދި އެރަށް ބަދަލު ނުވާނެ ކަމަށެވެ. ނަމަވެސް އަމަލީ ގޮތުންނާއި ތަރައްގީގެ ގޮތުން ތިނަދޫ ސިޓީއަކަށް ހަދައި ދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު މިއަދު ވަނީ ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ، ތިނަދޫގައި ނުހެދި ހުރި ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހަދައިދެއްވާނެ ކަމަށާއި ހިއްކި ބިމުގައި 1000 ހައުސިން ޔުނިޓް އަޅައި ދެއްވާނެ ކަަމަށެވެ. އަދި އެ ހައުސިން ޔުނިޓްތައް ތިނަދޫ ރައްޔިތުންގެ އިތުރު އެހެން ރަށްރަށުގެ މީހުންނަށް ލިބިގެންދާނެ ކަމަށެވެ.

ހަމައެއާއެކު ކާޑެއްދޫ އެއާޕޯޓް ފުރިހަމައަށް ތަރައްގީކޮށް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދައިދެއްވާނެ ކަމަށާއި ކާޑެއްދޫއާ ދެމެދު ބްރިޖެއް އަޅައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ތިނަދޫ އަބްދުއް ސަމަދު ހޮސްޕިޓަލްގެ ރަނގަޅު ފެންވަރަކަށް ބަދަލުކޮށް ޓާޝަރީ ހޮސްޕިޓަލަކަށް ހައްދަވައި ދެއްވާނެ ކަމަށާއި ޒުވާނުން ބޭނުންވާ ކުޅިވަރުތަކަށް އިސްކަން ދެއްވައިގެން ހިއްކި ސަރަހައްދުގައި ސައިކަލު ރޭސިންއަށް ހާއްސަކޮށް ސަރަހައްދެއް ތަރައްގީކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.މީގެ އިތުރުން އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާކޮށް، ޓޫރިސްޓް ބެޑްތައް އިތުރުކުރުމާއި އިގްތިސޯދު ފުޅާކުރުމަށް ޓްރާންސްފޮމޭޝަނަލް ޑިވެލޮޕްމެންޓަކަށް އިގްތިސޯދު ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ތިނަދޫ ސިޓީއަކީ އެ ސިޓީއަށާއި ރައްޔިތުންނާއި އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާނެ ތަނަކަށް ހަދައިދެއްވާނެ ކަަމަށާއި އަމަލާއި ބަހާ ދިމާވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެކުގައި މަަސައްކަތް ކުރައްވަނީ ގާބިލު ޓީމެއް ކަމަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުން ބޭނުންވާ ގޮތަށް ގައުމު ތަރައްގީކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.