ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި ޕީޕީއެމްއަށް ރައްދުވާގޮތަށް ދެކޮޅަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމް ދެއްކެވި ވާހަކައަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނުސީދާ ރައްދެއް ދެއްވައިފިއެވެ.
ޝަހީމް މިހެން ވިދާޅުވީ ރޭ ލ. ގަމުގައި ބޭއްވި "ދިވެހީންގެ ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ މުއިއްޒާ ދެކޮޅަށް ކުރަމުންދާ އެންޓި ކެމްޕެއިންގައި މުއިއްޒުއަކީ އަނިޔާވެރި ފަރާތެއް ކަމަށް ބުނަމުން ދިޔަނަމެސް މުއިއްޒަކީ އެއްވެސް ފަރާތަކަށް އަނިޔާއެއް ދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި މުއިއްޒުއަކީ އިސްލާމީ ތަރުބިއްޔަތު ލިބިވަޑައިގެން ތައުލީމީ އާއިލާއެއްގެ ތެރެއިން ނިކުމެވަޑައިގެން ބޭފުޅެއް ކަމަށެވެ.
މުއިއްޒުގެ ވެރިކަން ވެގެންދާނީ ދިިވެހިރާއްޖޭގެ ތާރީހު ދެކޭނެ އަދުލުވެރި އެންމެ އިންސާފުވެރި ވެރިކަމަށް ކަމަށާއި ބޭނުންވަނީ ތައުލީމީ ވެރިއެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އެގޮތުން މުއިއްޒަށް އެންމެ މަތީ ތާއީދު ދެއްވުމަށް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.
ނިޔާޒް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކައިރިވެފައި ވަނިކޮށް ޕީޕީއެމަށް އަލުން ވެރިކަން ނުދިނުމަށް އެދި އިންޓަވިއުއެއް ދެއްވާފައެވެ. އަދި މި އިންތިހާބުގައި ޕީޕީއެމްއާ އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ޓިކެޓުގައި ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވާއިރު މި ފަދަ ގޮތަކަށް އިންޓަވިއު ދެއްވާފައިވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ދަނީ އޭނާއަށް އަމާޒުވަމުންނެވެ.
ގިނަ ބައެއްގެ ފާޑުކިޔުން ނިޔާޒަށް އަމާޒުވެފައި ވަނިކޮށް އިއްޔެ އޭނާއަށް މީހަކު ފުރައްސާރަ ކުރި ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި ހުރި ބީއެމްއެލްގެ އިސްލާމިކް ބޭންކު ކައިރިއަށް ނިޔާޒު ސައިކަލުގައި ވަޑައިގަންނަވަނިކޮށް އެ މީހަކު ވަނީ ނިޔާޒުގެ ފަހަތުންގޮސް އެނާ ދިން އިންޓަވިއުއާ ގުޅިގެން ހަޑިހުތުރު ބަހުން ސުވާލުކޮށްފައެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނިޔާޒަށް ލިބިފައިވާ ކަމަށާއި ކޮރަޕްޝަންގެ ތެރެއިން ލިބިފައިވާ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ވެސް އޭނާ ބުނެއެވެ. ނިޔާޒު ސައިކަލު ޕާކުކުރައްވައި ބޭންކަށް ވަންނަންދެން އެމީހާ ވަނީ ފަހަތުން ގޮސްފައެވެ. އެއީ އިދިކޮޅު ދިޔަރެސް ނޫހާ ގުޅުން އޮންނަ އެކްޓިވިސްޓެކެވެ.