ޑަޔާނާ ވޮލެކް އަކީ ދުވަހަކުވެސް މަންމައަކަށް ވުމުގެ ހުވަފެން ދެކެމުން އައި މީހެއް ނޫނެވެ.
ކުޑައިރުއްސުރެ ވެސް އޭނާ އަކީ ދަރިން ހޯދަން ބޭނުންވާ މީހެއް ނޫންކަން އޭނައަށް އެނގެއެވެ. ފަހަރެއްގައި އެއީ ފްލައިޓް އެޓެންޑެންޓަކަށް ވުމަށް އޭނާގެ މަންމަ ދެކެމުން އައި ހުވަފެން ގުރުބާންކޮށް ދަރިން ތަރުބިއްޔަތު ކުރުމުގައި ތިން ވަޒީފާ އަދާކުރަން ޖެހުނު މަންޒަރު ފެނިފައިވާތީ ކަމަށް ވެދާނެއެވެ. ނުވަތަ އެހެނިހެން މަސައްކަތްތަކުން އޭނާ އަށް އިތުރު ޝައުޤުވެރިކަމެއް ލިބުނީ ކަމަށް ވެސް ވެދާނެއެވެ.
"އަހަރެން އަބަދުވެސް ބަލަނީ ކުރިއަށް އޮތް ކަމަކަށް،" ސެން ފްރެންސިސްކޯގެ ލޯކަލް ގަވަމެންޓްގައި މަސައްކަތް ކުރާ ވޮލެކް ބުންޏެވެ. "ބެލެނިވެރިއަކަށް ވުމަކީ ދުވަހަކުވެސް ދެކެމުން އައި ކަމެއް ނޫންކަމަށް."
ދަރިން ނުހޯދުމަކީ ވެސް މައްސަލައެއް ނޫންކަމީ އަދިވެސް ގިނަ މީހުން ގަބޫލުކުރާ ކަމެއް ނޫނެވެ. މިކަމާ ހިޔާލު ބަދަލުކުރުމާ މެދު ތަންކޮޅެއް ފުންކޮށް އޭނާ ވިސްނީވެސް އޭނާގެ ހަޔާތުގެ ބައިވެރިޔާއާ އޮތް ގުޅުން ސީރިއަސް ވާން ފެށުމުންނެވެ. އެންމެ ފަހުން މިދިޔަ ނޮވެމްބަރު މަހު އެ ދެމީހުން ކައިވެނި ކުރީ ދަރިއަކު ނުހޯދުމަށް ދެމީހުންވެސް އެއްބަސްވެގެންނެވެ.
މިހާރު ވޮލެކްގެ އުމުރުން 37 އަހަރު ނަމަވެސް އެ ނިންމުން ބަދަލުކުރުމާ މެދު އޭނާގެ ހިޔާލު ބަދަލެއް ނުވެއެވެ.
ދަރިއެއް ނެތުމަކީ އޭނާގެ ބައެއް ރައްޓެހިންނާ ހިލާފަށް މިނިވަންކަމެއް އިހުސާސް ކުރެވޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއެވެ. ދެމަފިރިން ރެސްޓޯރަންޓްތަކުން ކައިގެން ކޮންސާޓްތަކަށް ދިއުމާއި ދަތުރުކުރުމަކީ ދަރިއަކާމެދު ވިސްނުމުގެ ހާސްކަމެއް ނެތި ކުރަމުން އަންނަ ކަންތައްތަކެވެ.
ދަރިން ނުތިބުމަކީ އަވަހަށް ރިޓަޔަކުރުމުގެ މަގުސަދު ހާސިލްކުރެވޭނެ ކަމެއް ކަމަށްވެސް އެމީހުން ގަބޫލުކުރެއެވެ. އަދި އެމީހުންގެ އާންމު ދިރިއުޅުމުގައި އެމީހުންގެ އަމިއްލަ ކަންތައްތައް ކުރުމަށްވެސް ވަރަށް ގިނަ ވަގުތު ލިބޭކަމަށް ބުންޏެވެ.
ވޮލެކް ދިރިއުޅެމުން އަންނަ އެމެރިކާއަކީ ދަރިން ހޯދަން ބޭނުން ނުވާ އަންހެނުން އިތުރުވަމުން އަންނަ ގައުމެކެވެ.
2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް އުފަންވާ ނިސްބަތް ވަނީ ގާތްގަނޑަކަށް ދެ ޕަސެންޓް ދަށަށް ގޮސްފައެވެ. ޕެންޑެމިކް އާ ގުޅިގެން ދަރިން އުފަންވާ ނިސްބަތް އިތުރުވާނެ ކަމަށް ކުރިން ހީކުރި ނަމަވެސް، ކޮރޯނާވައިރަހުގެ ކާރިސާގެ ސަބަބުން އެ އަދަދު އިތުރަށް ދަށަށް ދިޔަ އިރު، މިދިޔަ އަހަރު ވިހެއުމުގެ ނިސްބަތް ވަނީ 4 ޕަސެންޓް ދަށަށް ގޮސްފައެވެ.
މިއީ 1973 ވަނަ އަހަރުގެ ފަހުން އުފަންވާ މީހުންގެ އަދަދު އަހަރަކު އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރު ކަމަށް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެއެވެ.
ޑިމޮގްރަފިސްޓުން މިކަން ހިނގަން މެދުވެރިވާ ގިނަ ކަންތައްތަކެއް ފާހަގަކުރެއެވެ. އޭގެ ތެރޭގައި އިގްތިސާދީ ނާމާންކަމާއި، ސިޔާސީ ނުތަނަވަސްކަމާއި، ޖިންސުގެ މިންގަނޑުތައް ބަދަލުވުން ހިމެނެއެވެ. ކުޑަކުދިން ބެލެހެއްޓުމާއި އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެމެރިކާގެ އާއިލާތަކަށް ސަރުކާރުގެ ފަރާތުން ލިބެނީ ކިހާ ކުޑަ އެއްބާރުލުމެއްކަން މި ބަލިމަޑުކަމުގެ ސަބަބުން ހާމަވި ނަމަވެސް، އޭގެ ކުރިން ވެސް ބައެއް އަންހެނުން ވަނީ ދަރިން ނުހޯދުމަށް ވިސްނުން ކަނޑައަޅައިފައެވެ.
ބައެއް އަންހެނުން ދަރިން ނުހޯދުން ހިޔާރުކުރާ ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ.
މައިންބަފައިންނަށް ވުމުގެ ޒިންމާ އަދާކުރަން ބޭނުން ނުވުން
ޗިކާގޯގެ ޕްރޮޖެކްޓް މެނޭޖަރެއް ކަމަށްވާ އުމުރުން 32 އަހަރުގެ ސިސިލިއާ ސޭންޑާސް ދަރިން ބޭނުން ނުވާކަން ވަރަށް ކުރީއްސުރެވެސް އެނގެއެވެ. ޒިންމާދާރު މަސްއޫލިއްޔަތުތައް މާ ބޮޑުހެން ހީވެ، މާބަނޑުވުމުގެ ހިޔާލާމެދު އޭނާ ބިރުގަތެވެ.
އޭނާ އެ ނިންމުމުގެ ސަބަބުން އެހެން މީހުންގެ ފަރާތުން ވަރަށް ޕްރެޝަ އަންނަ ކަމަށް އޭނާ ބުންޏެވެ. ދަރިން ހޯދުމަކީ ދިރިއުޅުމުގައި ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަމަށް އޭނާއަށް އިހުސާސްކޮށްދޭން ބައެއް މީހުން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން އޭނާގެ އަމިއްލަ ހިޔާލު އެކަމާ މެދު ބަދަލުވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އޭނާގެ ރައްޓެހިންގެ ގޮތުގައި ތިބި މަންމައިންނާ ވާހަކަ ދައްކައިގެން އެމީހުންގެ ތަޖުރިބާތަކުގެ މައުލޫމާތޮ ހޯދައި، އަމިއްލަ ކަންކަމަށް ވަގުތު ހޯދުމަށް މަސައްކަތް ކުރަނީ ކިހިނެތްތޯ އޭނާ ދިރާސާކުރިއެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ރަހުމަތްތެރިންނަށް ގިނަ ފަހަރަށް އަމިއްލަ ނަފްސަށް ވަގުތެއް ނުލިބެއެވެ. އެމީހުން ބުނި ގޮތުގައި ކޮންމެ ކަމެއްގައިވެސް އެންމެ އިސްކަން ދޭން ޖެހެނީ ދަރިންނަށްށެވެ.
ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށްޓަކައި އަމިއްލަ ބޭނުންތައް ގުރުބާން ކުރުމަކީ މުހިންމު ކަމެއް ނޫންކަމަށް ސޭންޑާސްއަށް ވިސްނުނެވެ. އެންޒައިޓީ އާއި ޑިޕްރެޝަނާ ތަހައްމަލު ކުރަމުން އަންނަ އިރު، އެ ހާލަތުތައް ގޯސްވުމުން އަމިއްލަ ނަފްސަށް އަޅާލުމަކީ ވެސް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށް އޭނާ ބުންޏެވެ. ނަފްސާނީ ގޮތުން އުނދަގޫތައް ތަޖުރިބާ ކުރަމުން އަންނަ އިރު، ދަރިއަކު ތަރުބިއްޔަތު ކުރުމަކީ ގާތްގަނޑަކަށް ނާދިރު ކަމެއް ކަމަށް އޭނާ ބުންޏެވެ.
އެއްބާރުލުން ނުލިބުމުގެ ބިރު
ޔުނިވާސިޓީ އޮފް މޭންގެ ސޯޝިއޮލޮޖިސްޓް އަދި "ޗައިލްޑްފްރީ ބައި ޗޮއިސް: ދަ މޫވްމަންޓް ރީޑިފައިނިން ފެމިލީ އެންޑް ކްރިއޭޓިން އަ ނިއު އޭޖް އޮފް އިންޑިޕެންޑެންސް" ގެ ލިޔުންތެރިޔާ އެމީ ބްލެކްސްޓޯން ބުނާ ގޮތުގައި އެމެރިކާގައި އާއިލާއާ ރައްޓެހި ސިޔާސަތުތަކެއް ނެތުމަކީ ފާއިތުވި އަހަރުތަކުގައި އުފަންވާ ނިސްބަތް ދަށަށް ދިއުމުގެ ފަހަތުގައިވާ އެއް ސަބަބެވެ.
ކޮރޯނާވައިރަހުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވި ދުވަސްވަރު، މައިންބަފައިން މަސައްކަތް ކުރިއަށް ގެންދަން ޖެހުނީ، ދަރިން ރިމޯޓުކޮށް އުނގެނުމަށްވެސް އެހީތެރިވަމުންނެވެ. މި ހާލަތުގެ ސަބަބުން މީހުން ނުތަނަވަސްވެ، ނިކަމެތިވެ، އިތުރަށް ދަރިން ހޯދުމަށް ލަސްކުރުމާއި އެއްގޮތަކަށްވެސް އިތުރު ދަރިން ނުހޯދުމަށް ވިސްނުމުގެ ފުރުސަތު ބޮޑުވެގެން ދިޔައެވެ.
ބްލެކްސްޓޯން ބުނިގޮތުގައި މި ޕެންޑެމިކްގެ ސަބަބުން ހަގީގަތުގައި ވެސް އެމެރިކާގެ ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދެނީ ކިހާ ދަށްކޮށްކަން ހާމަވެގެން ދިޔަކަމަށެވެ. "އަޑުހަރުކޮށް އެވާހަކަ ނުދެއްކި ނަމަވެސް ޒަމާންތަކެއް ވަންދެން ކަންތައް ވަމުން އައީ މިހެން. ދަރިން ބަލާ ބޮޑުކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އަދި އެކަމުގައި ގިނަ ފަހަރަށް އެހީތެރިކަމެއް ނުލިބޭ."
އޮކްލަހޯމާގެ ތުލްސާގައި ދިރިއުޅޭ އުމުރުން 24 އަހަރުގެ ޔާނާ ގްރާންޓް ދަރިން ނުހޯދުމަށް ނިންމީ މިދިޔަ އަހަރުއެވެ. ވިހެއުމަށް ފަހު ޕެއިޓް ޕޭރެންޓަލް ޗުއްޓީއެއް އެމެރިކާގައި ނުދެއެވެ. ވަޒީފާއަށް ދާއިރު ދަރިން ބަލަން ތަނަކާ ނުވަތަ މީހަކާ ހަވާލުކުރުމަކީ އިތުރު ހަރަދު ދާ ކަމެކެވެ. އަދި ބެލެނިވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ގޭތެރޭގެ މަސައްކަތްތަކުގެ ތަކުލީފު އަދިވެސް އުފުލަން ޖެހެނީ އަންހެނުންނަށެވެ.
"މާބަނޑުކަން އެނގޭ ހިސާބުން އަންހެނުން އެންމެ ފުރަތަމަ އިސްކަންދޭން ޖެހެނީ މަންމަ އެއްގެ ހައިސިއްޔަތުން. ދެން އަންހެނެއްގެ ހައިސިއްޔަތުން. އެކަމަކު ފިރިހެނުންނަށް އޮންނަ ގޮތަކީ އެންމެ ފުރަތަމަ ފިރިހެނާގެ ހައިސިއްޔަތު އަދި އެޔަށްފަހު ބައްޕައެއްގެ ހައިސިއްޔަތު." ގްރާންޓް ބުންޏެވެ.
ކަޅު ނަސްލުގެ އަންހެނެއްގެ ހައިސިއްޔަތުން ގްރާންޓް ކަންބޮޑުވާންޖެހޭ އެހެން ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އެހެން ނަސްލެއްގެ އަންހެނުންނަށް ވުރެ ކަޅު ނަސްލުގެ އަންހެނުން މާބަނޑުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގައި މަރުވުމުގެ ފުރުސަތު ބޮޑެވެ. އަދި އެމީހުންގެ ކަންބޮޑުވުންތަކަމަށް ސަމާލުކަން ނުދިނުމާއި އެމީހުންގެ ވޭނަށް ފަރުވާ ނުދިނުމުގެ ފުރުސަތު ބޮޑެވެ.
މީގެ އަހަރުތަކެއް ކުރިން ހިތުގެ ތެޅުން އަވަސްވެ، ކަރުގައި ރިއްސާކަމުގެ އިހުސާސް ކުރެވުމުން މެޑިކަލް ޕްރޮފެޝަނަލަކަށް ދެއްކުމަށް ގްރާންޓް ދިޔައެވެ. އޭނާ ބުނި ގޮތުގައި ޑޮކްޓަރު ބުނީ ގިނައިން ދިޔާ އެއްޗިސް ބުއިމަށްކަމަށާއި އަދި ތައިރޮއިޑް ބަލާވެސް ނުލާ ގެއަށް ފޮނުވާލީއެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން އަނެއްކާވެސް އެ އަލާމާތްތައް ފެނުމުން އެހެން ޑޮކްޓަރަކަށް ދައްކައިގެން އެނގުނީ ގްރޭވްސް ބަލި ޖެހިފައިވާކަމެވެ. އެ ބައްޔަކީ އޯވައެކްޓިވް ތައިރޮއިޑެއް އުފެދޭ އޮޓޮއިމިއުން ޑިސްއޯޑާއެކެވެ.
މާބަނޑުވެ ކަމެއް ގޯސްވެއްޖެނަމަ އޭނާގެ އަލާމާތްތަކާއި ޝަކުވާތައްވެސް އެފަދަ ގޮތަކަށް އަޅާނުލާ ދޫކޮށްލަފާނެކަމުގެ ބިރު ގްރާންޓް އަށް އެބައޮތެވެ.
ދިރިއުޅުން މިހާރު އޮތްގޮތާ މެދު ހިތްހަމަޖެހޭ
ޖޯޑަން ލެވީ ލޯ ސްކޫލާއި ކެރިއަރު ބިނާކުރުމަށް ސަމާލުކަން ދިން އިރު، އޭނާ ހީކުރީ "މައިވަންތަކަމުގެ އިހުސާސް"އެއް ފަހުން އަންނާނެ ކަމަށެވެ. ބައިވެރިޔަކު ލިބުމުން އެދެމީހުން ދިރިއުޅުން އާރާސްތުކޮށް ދަރިއަކޫ ހޯދަފާނެ ކަމަށް އޭނާ އަށް ކުރިން ގަބޫލުކުރެވުނެވެ.
އުމުރުން 35 އަހަރުވެ އަދި ކައިވެންޏަށް ހަތަރު އަހަރު ވެފައިވާއިރު، ލެވީ ބުނި ގޮތުގައި އޭނާ އާއި އޭނާގެ ފިރިމީހާ އަށް ގަބޫލުކުރެވިފައިވާ ގޮތުގައި ދަރިއެއް ނުހޯދިޔަސް މިހާރުގެ ދިރިއުޅުން ކަމުދެއެވެ. އެމީހުން ދިރިއުޅޭނެ އަމިއްލަ ތަނެއް އެބަ ހުއްޓެވެ. އަދި ދެމީހުންނަށް ވެސް ރަނގަޅު އާމްދަނީއެއް ލިބުނަސް އެމީހުންގެ ފައިސާ އެމީހުން ލޯބިވާ ކަންކަމަށް ހަރަދުކުރަން ބޭނުންވެއެވެ.
"އަހަރެމެން ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގަ. ތަންތަނަށް ދަތުރުކުރުމަކީ އަހަރެމެން ދެމީހުންވެސް ވަރަށް ލޯބި ކުރާ ކަމެއް. އެކުގައި ކެއްކުމާއި ގޭތެރޭގެ ކަންތައް ކުރުމުގެ އިތުރުން، ދެމީހުންވެސް އެކަނި ވަގުތު ހޭދަކުރުމަށް އަހަރެމެން އިސްކަން ދެން. އަހަންނަށް ހީވަނީ އަހަރެމެން ވަރަށް ރަނގަޅު މައިންބަފައިންނަށް ވާނެ ހެން. އެކަމަކު އެއީ އަހަރެމެންނަށް އުފާ ގެނުވާނެ ކަމެއް ކަމަށް އަހަރެމެން ގަބޫލެއް ނުކުރަން."
ސޭންޑާސް އަށް ދަރިން ލިބިފައިނުވުމަކީ އޭނާގެ އަމިއްލަ ޝައުގުތަކަށް އިތުރު ވަގުތުތައް އޭނާއަށް ހޭދަކުރެވޭ ކަމެކެވެ. އެގޮތުން ލިޔުމާއި، ގިޓާ ކުޅުމާއި، ފަރުބަދަތަކަށް އެރުމަކީ އޭނާ ވަރަށް ކުރާ ހިތުން ކުރަމުން އަންނަ ކަންތައްތަކެވެ. އޭގެ ތެރެއިންވެސް އޭނަ އެންމެ އިސްކަން ދެނީ ކެރިއަރު ބިނާކުރުމަށެވެ.
"ދަރިން ހޯދިނަމަ އަހަރެންގެ ކެރިއަރު ބިނާކުރުމުގައި ކާމިޔާބު ވުމުގައި ހުރަސްތަކެއް ކުރިމަތިވީސް. އަދި އަހަރެން ޝައުގު ހުންނަ އެހެން ކަންތައްތައް ކުރުމަށް ވަގުތު ހޯދުމުގައިވެސް ދަތިތަކާ ކުރިމަތިލާން ޖެހޭނެ."
ލެވީ އާއި ސޭންޑާސް ފަދަ އަންހެނުންނަށް ދަރިން ނުހޯދާ ދިރިއުޅުމުގެ ވައްޓަފާޅި އިހްތިޔާރު ކުރުމުގެ ބާރު ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ބްލެކްސްޓޯން ބުންޏެވެ.
މީގެ ކުރިން ބައެއް އަންހެނުން ދަރިން ހޯދާފައިވަނީ މުޖުތަމައު އެމީހުންގެ ކިބައިން އުއްމީދު ކުރާ ގޮތަކީ އެއީ ކަމަށް ވާތީއެވެ. ނަމަވެސް ފަހަކަށް އައިސް އެ އުސޫލުތަކާއި ވިސްނުންތައް ވަނީ ބަދަލުވެފައެވެ.
ބެލެނިވެރިކަމަކީ އެބަޔަކު އިހުތިޔާރު ކުރާ ކަމެއް ކަމަށާއި، އެކަމަކީ ކޮންމެ ބަޔަކު ކުރަން ޖެހޭ ކަމެއް ނޫންކަމަށް މީހުންގެ ވިސްނުން ވަނީ ބަދަލުވެފައެވެ.
ދަރިން ނުހޯދުމުން އަދިވެސް މީހުންގެ ފާޑުކިޔުންތައް އަމާޒުވޭ
އަންހެނުން ދަރިން ނުހޯދާ އުޅުމަކީ މުޖުތަމައު އިން މިހާރު ބަލައިގަންނަމުން އަންނަ ކަމެއް ނަމަވެސް، އޭގެ ސަބަބަކީ ކޮބައިތޯ މީހުންނަށް ކިޔާދިނުމަކީ އަންނަ ޕްރެޝައެއް ކަމަށް ގިނަ އަންހެނުން ބުނެއެވެ.
އަމިއްލަ އެދުން ބޮޑު ކަމަށް ބުނެ، ކުޑަކުދިންނަށް ނަފްރަތު ކުރާ ކަމަށް ތުހުމަތުކޮށް، އެ ނިންމުމާ މެދު ފަހުން ހިތާމަ ކުރާނެ ކަމަށް އެމީހުންނާ ދިމާލަށް މީހުން ބުނެއެވެ.
"ދަރިން ނުހޯދުމަށް ހިޔާރުކުރާ މީހުން އެގޮތަށް ނިންމަނީ ވަރަށް ވިސްނުންތައް ވިސްނާފައި. އަހަރެން ގަބޫލުކުރާ ގޮތުގައި ދަރިން ހޯދަން ވިސްނާ މީހުންނަށްވުރެ، ދަރިން ނުހޯދަން ވިސްނާ މީހުން ވިސްނާ ވިސްނުންތައް މާ ގިނަ." އޭނާ ބުންޏެވެ.
ބައެއް މީހުން ބުނަނީ ދަރިން ނެތް އަންހެނުން ކުޑަކުދިންނާ މެދު ނުވިސްނާ ކަމަށް ދެކެވޭ ވާހަކައަކީ ވެސް ހަގީގަތެއް ނޫން ކަމަށެވެ. ރައްޓެހިންގެ ދަރިންނާ އެކު ކުޅެން ވޮލެކް ވަރަށް ލޯބިކުރެވެ. އާއިލާގެ ކުޑަ ކުދިންނާއެކު ވަގުތު ހޯދަކުރުމަކީ އޭނަ ވަރަށް އުފާކުރާ ކަމެކެވެ.
ގްރާންޓްގެ ހަޔާތުގެ ބައިވެރިއަކީ ފިރިހެން ކުއްޖަކު ހުންނަ މީހެކެވެ. އެ ކުއްޖައާ އެކު ވަގުތު ހޭދަ ކުރުމަކީވެސް ގްރާންޓް އުފަލާއެކު ކުރާ ކަމެކެވެ.
ދަރިން ނުހޯދުމަށް ނިންމި ނިންމުމާ ބެހޭ ގޮތުން އެތައް ބަޔަކާ އިންޓަވިއުކޮށްފައިވާ ބްލެކްސްޓޯން ބުނި ގޮތުގައި އެ ނިންމުމާ މެދު ކޮންމެވެސް ދުވަހަކުން ހިތާމަ ކޮށްފާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.
ނަމަވެސް ދަރިން ހޯދައިގެން ހިތާމަކުރުމުގެ ބަދަލުގައި، ދަރިން ނުހޯދާ ފަހުން ހިތާމަކުރުންވެސް މާ ރަނގަޅު ކަމަށް އަނެއްބައި މީހުން ގަބޫލުކުރެއެވެ.