ހާރިޖީ ސިޔާސަތުގައި އެއްވެސް ގައުމަކާ ދުޝްމަނުވެ، ދެކޮޅުވެރި ނުވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ ދެވަނަ ބުރުގެ ކެމްޕެއިން ހަރަކާތަކަށް މިއަދު ހުޅުމާލެއަށް ވަޑައިގެން ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ހާރިޖީ ސިޔާސަތު ބިނާ ކުރާނެ ގޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ފެށިގެން ވެސް ބަޔާން ކުރަައްވަމުން އަންނަކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މައިގަނޑު އަމާޒަކީ ގައުމުގެ މިނިވަންކަން ޔަގީން ކުރުން ކަމަށެވެ. އެ ގައުމެއްގެ މިނިވަންކަމާ އަދި ސިޔާދަތު ޔަގީންކޮށް ކަށަވަރު ކުރުމަކީ ކޮންމެ ގައުމެއްގެ ވެސް ހައްގެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގައުމުތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި އދ. ކިޔާ ޖަމިއްޔާއެއް އުފައްދާ އެ ޖަމިއްޔާގައި އެތައް ގައުމެއް ބައިވެރިވެގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އދ.ގެ ހަަމަތަކާ އެއްގޮތަށް މަސައްކަތް ކުރެވޭނެ ކަމަށާއި އެ ގޮތުގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ހާރިޖީ ސިޔާސަތު އެ ގޮތަށް ބައްޓަންކޮށް ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން އޮންނެވި ކަމަށެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލަށް ހުރިހާ ގައުމުތަކަކުން ވެސް އިހްތިރާމު އަދާ ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެގޮތުގެ މަތިން ހާރިޖީ ސިޔާސަތު ބައްޓަންކޮށް ހުރިހާ ގައުމުތަކާއެކު ވެސް ގާތް ގުޅުމެއް ބޭއްވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ހާރިޖީ ސިޔާސަތު ބިނާ ކުރައްވާނީ ކުދި، ބޮޑު އަވަށްޓެރި ނުވަތަ ދުރު ގައުމުތަކަކީ ވެސް އެ ގައުމުތަކާއެކު ގާތް ގުޅުންތައް އުފައްދާ އެއް ގައުމުން އަނެއް ގައުމަށް ފައިދާވާ ގޮތަށް އެ ގުޅުން ކުރިއަށް ގެންދެވޭނެ ގޮތަށް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ގައުމުގެ މިނިވަންކަމާ ހިލާފަށް ކަމެއް ހިނގާނަމަ އެ ކަމަކަށް ވަރަށް ސާބިތުކަމާއެކު ނޫނެކޭ ވިދާޅުވެ މިގައުމުގެ މިނިވަންކަމާ ދެކޮޅަށް ކުރާ ހުރިހާ ކަމަކަށް އުސޫލުތަކާއި ޑިޕްލޮމެސީގެ ހަމަތަކުގެ މަތިން ހައްލުކޮށްދެއްވާ މި ގައުމަށް ހަމަޖެހުން ގެނެސްދޭނެ ކަމަށެވެ. އަދި ހާރިޖީ ސިޔާސަތުގަ އެއްވެސް ގައުމަކާ ދުޝްމަނުވެ، ދެކޮޅެއް ނުބާއްވާނެ ކަމަށާއި ހުރިހާ ގައުމުތަކަކީ ވެސް ރާއްޖެއަށް އިހްތިރާމު އަދާކުރާ ގައުމަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިނިވަންކަން ޔަގީންކޮށް ގައުމަށް ފައިދާވާ ގޮތަށް ހާރިޖީ ސިޔާސަތު ގާއިމްކުރައްވާނެ ކަމަށާއި އިސްތިގްލާލު ފުރިހަމަވެފައިވާ ސިޔާދަތީ ބާރު ފުރިހަމައަށް ހިނގާ އަމިއްލަވަންތަ ފަހުރުވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހަދައިދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

މީގެއިތުރުން ގައުމަށް ހަމަޖެހުން ގެނައުމަށް މުޖުތަމުއުގެ ފަރުދުންގެ މެދުގައި ގާތް ގުޅުން އުފައްދަންޖެހޭ ކަމަށާއި ކުޑަކުދިންގެ ހިތުގައި ގައުމިއްޔަތުގެ ލޯބި އުފައްދަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެހެން ކަމުން ގައުމިއްޔަތު ވަކި މާއްދާގެ ގޮތުގައި ހިމެނުމަށް ހުށަހަޅާފައިވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.