އިދިކޮޅު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ނިންމަވައިފިއެވެ.

ދާދިފަހުން ސިޔާސީ މަސްރަހަށް ނިކުމެވަޑައިގެން ހައިލަމް ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާފައެވެ.

ހައިލަމް ޑރ. މުއިއްޒަށް ތާއީދުކުރައްވަން ނިންމަވާފައިވަނީ ޖޭޕީ ގެ އިސް މެންބަރުންނާއެކު ގިނަ ބަޔަކު ދެވަނަ ބުރުގައި ވާދަ ކުރާ ދެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ހައިލަމް ވިދާޅުވީ މުއިއްޒަށް ތާއީދުކުރައްވަން ނިންމެވީ ރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލައި ގައުމުގައި ހަމަޖެހުމާއި އަމާންކަން ގާއިމުކޮށް މާތްވެގެންވާ އިސްލާމްދީނަށް މި ގައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަކުރުންތައް ހުއްޓުވައި، ދީނީ ވަޙުދަތު ގާއިމްކޮށް، އިގްތިސޯދީގޮތުން މި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ފުދުންތެރި ޖީލެއް ބިނާކުރެވޭނެ ގަބޫލުކުރެއްވޭތީ ކަމަށެވެ.

ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަންގެ ނުރައްކާތެރި ވަބާއިން މި ރާއްޖެ ސަލާމަތްކުރެވޭނީ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންހުންނެވި، ބަހާއި އަމަލު ދިމާވާފަދަ އިހުލާސްތެރި ބޭފުޅަކު މި ރާއްޖޭގެ ރައީސްކަމަށް އައްޔަންކުރެވިގެންކަމަށް ގަބޫލުކުރައްވާ ކަމަށް ހައިލަމް ވިދާޅުވިއެވެ.

ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތް ހައިލަމް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުން އިސްތިއުފާ ދެއްވާފައި ވަނީ ޑިސެމްބަރު 3، 2019 ގައި، ޖުޑީޝަލް ސާވިސް ކޮމިޝަނުން އޭނާގެ ސުލޫކީ މައްސަލައެއް ބަލައި، މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށެވެ.