ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ޖުމްހޫރީ ޕާޓީ އާ ގުޅިވަޑައިގެންފިއެވެ.
އެކަމަށްޓަކައި ޖުމްހޫރީ ޕާޓީގެ އިދާރާގައި އިއްޔެގެ ވަގުތެއްގައި ބޭއްވި ރަސްމިއްޔާތެއްގައި، ހައިލަމްގެ ފޯމާ ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.
ގާސިމް ވިދާޅުވީ، ހައިލަމް ސިޔާސީ މައިދާނާ ގުޅިވަޑައިގެން ޖުމްހޫރީ ޕާޓީ ހިޔާރުކުރެއްވުމަކީ ލިބުނު އުފަލެއް ކަމަށެވެ. ޖުމްހޫރީ ޕާޓީ އާ އިއްޔެ ގުޅިވަޑައިގަތް ހައިލަމަށް އެ ޕާޓީން މަރުހަބާ ކިޔާފައިވެއެވެ.
ހައިލަމްގެ އިތުރުން، ޖުމްހޫރީ ޕާޓީ އާ ގުޅިވަޑައިގަތް ހދ. ކުރިނބީ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު އަފްރާހުގެ ފޯމާ ވެސް ހަވާލުވެވަޑައިގަތީ ގާސިމެވެ.
ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތް ހައިލަމް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުން އިސްތިއުފާ ދެއްވާފައި ވަނީ ޑިސެމްބަރު 3، 2019 ގައި، ޖުޑީޝަލް ސާވިސް ކޮމިޝަނުން އޭނާގެ ސުލޫކީ މައްސަލައެއް ބަލައި، މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށެވެ. އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ތާއީދުކޮށްފައިވެއެވެ.
ހައިލަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލާފައި ވަނީ:
- ނަސްރުގެ ދުވަހާ ގުޅިގެން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖަކާ ގުޅިގެން
- ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ހައިލަމަށް ދެ ލައްކަ ރުފިޔާ ދެއްވި މައްސަލައެއްގައި
ޖޭއެސްސީން ހައިލަމްގެ މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށެވެ. އެގޮތުން ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ފަދަ އަމަލުތައް ހައިލަމްގެ ކިބައިން ފެނިފައިވާ ކަމަށް، އެ ކޮމިޝަންގެ ނިންމުމުގައި ވެއެވެ.
ޖޭއެސްސީ އަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި، ހައިލަމް މަގާމުން ސަސްޕެންޑުކޮށް ވަކިކުރުމަށް އޭރު ފޮނުވާފައި ވަނީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށާއި، ޖޭއެސްސީ އާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މަސައްކަތްކުރަނީ އަދުލު އިންސާފުގެ ނިޒާމް ސިޔާސީގޮތުން ވަކި މިސްރާބަކަށް ބައްޓަން ކުރައްވަން ކަމަށް ވަނީ ތުހުމަތުކުރައްވައިފައެވެ.
އޭނާގެ ސިޓީގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރުމުގެ ބަދަލުގައި ޖޭއެސްސީން މިއަދު މަސައްކަތްކުރަމުން ދަނީ ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގޭގެ ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި ކަމަށެވެ.
ހައިލަމްގެ ގުޅުމަކީ މަސްއޮޑިއާއި ކުޑަ ހެންވާރު ފަދަ އެތަކެއް ގްރޫޕެއް އެއްފަހަރާ ގުޅުންފަދަ މުހިންމު ގުޅުމެކެވެ.