މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ދައުލަތަށް ނޭނގޭތީ މައްސަލައިގެ ދައުވާ ފޯމް ބާތިލު ކުރުމާއެކު، އޭނާ ޖާމިނުވާ މީހާ ކޮބާތޯ ކުރީގެ ފަނޑިޔާރު އަހްމަދު ހައިލަމް ސުވާލު ކުރައްވައިފިއެވެ.

ހައިލަމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރު ކުރަނީ، ދައުވާ ލިބޭ ފަރާތް އުޅޭ ނޫޅޭ ތަންތަނުގެ މައުލޫމާތު ޖާމިނުވާ މީހާއަށް އެންގެން ޖެހޭނެ ކަމަށް ކަމަށެވެ. އަދި އަލީ ވަހީދު އުޅުއްވާ އެޑްރެސް ނޭނގުމުން، އެއީ އަމާ ބުނީތީ ފަރަށް ދާ ގޮތަށް ކުރި ޖާމިނުވުމެއްތޯ ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ.

އެހެން ވިދާޅުވެ، ހައިލަމް ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖާމިނުވުމާ ގުޅޭގޮތުން ބަޔާންކޮށްފައި ވާ ކަންކަން ފެންނާނެހެން އެ ގާނޫނުގެ ސްކްރީން ޝޮޓެއް ހިއްސާ ކުރައްވާފައެވެ.

ހައިލަމްގެ އިތުރުން، ވިލިމާލޭ ދާއިރާގެ މަޖިލީސް މެންބަރު އަހްމަދު އުޝާމް ވެސް ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އަލީ ވަހީދު ޑްރާމާގެ ސްކްރިޕްޓް އޮތީ މާ ކުރިން ވެސް މިގޮތަށް ލިޔެ ނިމިފައި ކަމަށެވެ.

އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ދައުލަތަށް ނޭނގޭތީ މައްސަލައިގެ ދައުވާ ފޯމް ބާތިލު ކޮށްފައި ވަނީ އިއްޔެއެވެ. އެކަމާ ގުޅިގެން ހައި ކޯޓުން ބުނީ އެ މައްސަލައިގާ ދައުވާ ލިބޭ އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެހެއް ނޭނގޭތީ މައްސަލައިގެ ދައުވާ ފޯމް ބާތިލުކުރީ ކުރީ އުޅޭ އެޑްރެހެއް އެނގުމުން އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ޕީޖީއަށް އޮންނަ ގޮތަށް ކަމަށެވެ.

ޖިިނާއީ މައްސަލަތައް، ދައުވާ ލިބޭ މީހުންގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭ އިރު، އަލީ ވަހީދު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ނަމަަވެސް އޭނާ ހުންނެވީ ސީދާ ކޮން އެޑްރެހެއްގައި ކަން ދައުލަތަކަށް ނޭނގެއެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހުގެ 9 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އެ އަޑު އެހުމުގައި އޭނާއަށް ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމާއެކު އޭނާ ފުރާ ވަޑައިގެންފައި ވަނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޓާކިޝް އެއާލައިނުގައެވެ.