ޓޫރިޒަމް މިނިސްޓަރު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓަށް ހާޒިރު ނުވި މައްސަަލައިގައި ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ފާޑު ވިދާޅުވެއްޖެއެވެ.
ހައިލަމް ވިދާޅުވީ، މުޅި ދައުލަތް އޮތީ އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ކަމަށެވެ. ކޯޓުތަކުން ތަކުރާރުކޮށް އަންގައިގެން ވެސް އަލީ ވަހީދު ކޯޓަށް ހާޒިރު ވެވަޑައިނުގަތުމުން އޭނާ ބަންދު ކުރުމުގެ އަމުރު ނެރެވޭނެ ކަމަށް ހައިލަމް ވިދާލުވިއެވެ. އަދި އެއަށް ފަހު ރެޑް ނޯޓިހަށް އެދުމަށް ފުލުހުންނަށް އަމުރުކުރި ނަމަ މިއަދު އަލީ ވަހީދު ހުންނަވާނީ ރާއްޖޭގައި ކަމަށް ހައިލަމް ވިދާޅުވިއެވެ.
ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާ ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފައެވެ.
މި މައްސަލައިގެ އަޑުއެހުން އެންމެ ފުރަތަމަ ތާވަލް ކުރީ މިމަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް އެ އަޑުއެހުން މި މަހުގެ 11 ވަނަ ދުވަހަށް ފަސްކުރި އިރުވެސް އަލީ ވަހީދު ކޯޓަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
އިއްޔެ ސުޕްރީމް ކޯޓުގައި ކުރިއަށްގެން ދިޔަ މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އަލީ ވަހީދު ކޯޓުގެ ހުރުމަތް ކަނޑާލާފަިއވާ ކަމަށް ވިދާޅުވެފައެވެ. އަދި އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާން ދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ ކޯޓުތަކުގެ ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވަރު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އިއްޔެ ކޯޓުގައި ކުރިއަށް ދިޔަ ޝާރީއަތް ނިންމާލާފައި ވަނީ އަލީ ވަހީދު 2 އަހަރާއި 12 ދުވަހަސް ޖަލަށް ލާން ހުކުމް ކުރުމަށް ފަހުއެވެ.